ބާސެލޯނާގެ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންގެ ތެރެއިން ޖޯން ލަޕޯޓާ މައްސަލަ ޖެއްސުމުން އިދިކޮޅު ކެނޑިޑޭޓް ވިކްޓަރ ފޮންޓަށް ކުލަބުން އިންޒާރު ދީފި އެވެ.
ރައީސް ކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވަން މަސައްކަތް ކުރައްވާ ލަޕޯޓާ މައްސަލަ ޖެއްސީ ކެމްޕޭން ކުރުން މަނާ ވަގުތެއްގައި ކުލަބުގެ މެމްބަރުންނަށް ވޯޓު ދޭން އެދިވަޑައިގެން ފޮންޓް އީ މެއިލް ކުރެއްވުމުންނެވެ. އިއްޔެ އަކީ ކެމްޕޭން ކުރުން މަނާ ދުވަހެކެވެ. ސަބަބަކީ މިއަދު އިންތިހާބު ބާއްވާތީ އެވެ.
މި އީމެއިލްއާ ގުޅިގެން ލަޕޯޓާ މައްސަލަ ޖެއްސުމުން ބާސެލޯނާގެ އިންތިހާބީ ކޮމިޓީން ވަނީ ކުލަބުގެ އަސާސީ
ގަވާއިދުގެ 52 ވަނަ މާއްދާއާ ހިލާފު ކަންކަން ތަކުރާރު ނުކުރުމަށް ފޮންޓަށް އިންޒާރު ދީފަ އެވެ. އަދި މިފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއާއެކު ފޮންޓް ވެސް މިހާރު ވަނީ ލަޕޯޓާއާ ދެކޮޅަށް މައްސަލަ އެއް ހުށަހަޅާފަ އެވެ. އެއީ އޭނާގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ކެމްޕޭން ރަސްމީކޮށް ނިންމާފައިވަނިކޮށް ޓީވީ އަށް އިންޓަވިއު އެއް ދިން މައްސަލަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ބާސެލޯނާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ލަޕޯޓާ އާއި ފޮންޓަކީ 2021 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އެންމެ ގާތުން ވާދަކުރެއްވި ދެ ބޭފުޅުންނެވެ. މި ފަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރުން ގާތް ކަމަށް ގިނަ ބަޔަކު ލަފާ ކުރަނީ ލަޕޯޓާ އެވެ.