ކުޅިވަރު

ސިޓީ އަށް ތަށި ނުލިބޭނެއޭ މިހާރު ބުނެވިދާނެ: ރޮޑްރީ


ވެސްޓްހަމްއާ ބައްދަލުކޮށް 1-1އިން އެއްވަރު ވުމަކީ މި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގު މެންޗެސްޓާ ސިޓީ އަށް ނުލިބޭނެކަން ގާތްގަނޑަކަށް ކަށަވަރުވުން ކަމަށް މިޑްފީލްޑަރު ރޮޑްރީ ބުނެފި އެވެ.

ހުސްވި ސީޒަން އެއްކޮށް އަނިޔާގައި ހުރި ކުޅުންތެރިންގެ ކުރީގެ ފިޓްނަސް އަށް ނޭދެވުނަސް ރޭގެ މެޗަށް ފަހު ބުނީ ސިޓީ ރަނގަޅަށް ކުޅުނަސް ފުޓްބޯޅައިގެ އެންމެ މުހިންމު ކަމަކީ ގޯލު ޖެހުން ކަމަށެވެ.

"ފުޓްބޯޅަ އަކީ ގޯލު ޖެހުން. އެކަން އަހަރުމެންނަށް ނުކުރެވުނީ. މި ހިސާބުން އަހަރުމެންނަށް ދެން ތަށި ނުލިބޭނެއޭ ބުނެވިދާނެ. އެކަމަކު އެހެން ނުވެ ވެސް ހިނގައިދާނެ. އެކަމަކު މިއީ އަތް ނުފޯރާ ހިސާބަށް ދިއުން ކަމަށް ބޮޑަށް ބެލެވެނީ،" ރޮޑްރީ ބުންޏެވެ.

މި ނަތިޖާގެ ސަބަބުން ސިޓީ އާއި އެއްވަނާގައިވާ އާސެނަލްއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސިޓީ އަށް 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އާސެނަލް އަށް 31 މެޗުން 70 ޕޮއިންޓެވެ.

މެޗަށް ފަހު ކޯޗު ޕެޕް ގާޑިއޯލާ ބުނީ ފުޓްބޯޅައިގައި ކުރެވޭނީ އެ ބަޔަކަށް ކުރެވެން އޮތް ކަމަށެވެ.

"އަހަރެން ދެރައެއް ނުވޭ. ސަބަބަކީ މިތަނުގައި 10 ވަރަކަށް އަހަރު ހުރި މީހަކަށް ވިއްޔާ އެނގޭނެ އަހަރުމެން މިހާތަނަށް ކުރި މަސައްކަތާއި ހޯދި ކާމިޔާބު. މި ފަހަރުގެ ޓީމަށް ބަލާއިރު ވަރަށް ގިނަ ޒުވާން ކުޅުންތެރިން އެބަތިބި. އެ މީހުންނަށް މިފަދަ ޕްރެޝަރު މެޗުތަކުގެ ޕްރެޝަރު އިހުސާސް މިވަނީ އަލަށް. މިހެންވެ ކޮންމެ މެޗަކީ ނަތީޖާ ނެރެން އެހާ ފަސޭހަ މެޗަކަށް ނުވޭ،" ގާޑިއޯލާ ބުންޏެވެ.

ތަށި ހޯދަން ބޭނުންނަމަ މި މެޗުން ޕޮއިންޓް ގެއްލުވާލައިގެން ނުވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އެކަމަކު ސަސްޕެންޝަނުގެ ސަބަބުން ވީއައިޕީގައި އިނދެ ޓީމަށް އިރުޝާދު ދޭން ޖެހުނު ކޯޗު ބުނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސިޓީން މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.