ޚަބަރު

ފެލިވަރުގައި ޤާއިމުކުރާ ކޭނަރީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަނީ


  • ކޭނަރީގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކަށް

  • މިހާރު ކުރިއަށްދަނީ ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތްތައް

ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރާ 100 ޓަނުގެ ކޭނަރީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް ޕްރޮސެސްކުރާ ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ. ފެލިވަރަކީ ޒަމާނުއްސުރެ ރާއްޖޭގައި ބަނާ މަހުގެ އެންމެ ބޮޑު އިންސައްތައެއް ޕްރޮސެސްކުރުމަށް ބޭނުންކުރާ ކާރުހަނާއެވެ. މިވަގުތު މި ކާރުހަނާގެ ހާލަތު ހުރިގޮތުން ހަމައެކަނި ރާއްޖެއަށް ބޭނުންވާ މަސް ޕްރޮސެސްކުރުމަށް ބޭނުންކުރަމުންދެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ފެލިވަރު އިތުރަށް ތަރައްޤީކުރުމަށް ތަފާތު އެކި މަޝްރޫޢުތައް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.

މި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބު ވިދާޅުވީ، ފެލިވަރުގައި މިހާރު ހުރި ކޭނަރީއަކީ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ދުވަސްވީ ފެސިލިޓީއެއް ކަމަށެވެ. އަދި އެތަނުގައި ދުވާލަކު ބަންދުކުރެވެނީ 35 ޓަނުގެ ދަޅުމަސް ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މިކަމަށް ހައްލެއް ގެނައުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ ޒަމާނީ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިކަމުގެ އަަމަލީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަން ސްޓޭޓް މިނިސްޓަރު މުއްޠަލިބު ފާހަގަކުރެއްވިއެވެ.

ފެލިވަރުގައި މިހާރު ކުރިއަށްދަނީ މަޝްރޫއުގެ ފުރަތަމަ ފޭސް ނުވަތަ ކޮމްޕޮނެންޓް އޭގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި 400 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމާއި، ދުވާލަކު 250 ޓަނުގެ މަސް ގަނެވޭނެ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ. ސްޓޭޓް މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، މި މަސައްކަތްތައް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

"އުންމީދުކުރާ ސްޕީޑަކު މަސައްކަތް ކުރިއަށްކަަމަށް ނުއެއްދޭ. އެކަމަކު އިންޑިއާ ސަރުކާރުގެ އެހީ ވަކިން ހާއްސަކޮށް އިންޑިއާ އެމްބަސީގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބެމުންދޭ އެބަ އެއީ ކޮންޓްރެކްޓަރަކީ އިންޑިއާގެ ކޮންޓްރެކްޓަރަކަށް ވުމާއެކު އެމީހުން ޕުޝްކުރަންވެެގެން. އެގޮތަށް މަސައްކަތްކޮށްގެންވެސް އަޅުގަނޑުމެން މި ބަލަނީ މިއަހަރުގެ ޖޫން ޖުލައި ހިސާބަށް މަސައްކަތް ނިންމާލެވޭނެ ކަމަށް." ސްޓޭޓް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި ފެލިވަރު ތަރައްޤީކުރުމުގެ ހުރިހައި މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނީ 2027 ވަނަ އަހަރަށެވެ.

މި މަޝްރޫއު ނިމުމުން މިފްކޯގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ބާޒާރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މަސް ޕްރޮސެސްކޮށް ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.