ކުޅިވަރު

ކީޕަރު އޮބްލަކާއި ގްރީޒްމަން ދޫކޮށްލަނީ


މި ސީޒަނަށް ފަހު ގޯލްކީޕަރު ޔާން އޮބްލަކާއި ފޯވަޑް އެންޓޮއިން ގްރީޒްމަން ދޫކޮށްލަން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުން ތައްޔާރުވާން ފަށައިފި އެވެ.

މީގެ ތެރެއިން އުމުރުން 34 އަހަރުގެ ފްރާންސްގެ ފޯވަޑް ގްރިއެޒްމަނަށް ވަނީ ހުސްވި ޖެނުއަރީ މަހު އެމެރިކާގެ އޮލާންޑޯ ސިޓީ އަސް ބަދަލުވާން ވެސް ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭނާ އެތްލެޓިކޯގައި މަޑުކުރީ މި ސީޒަން ނިމެންދެން މަޑުކުރަން ކުލަބުން އެދުމުންނެވެ.

އޭނާ ހުންނަން ބޭނުންނަމަ އެތްލެޓިކޯއިން އަދިވެސް އެ ފުރުސަތު ދިނުން ގާތެވެ. ނަމަވެސް އުމުރުން ދުވަސްވުމާއި އެހެން ތަޖުރިބާ އަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ގްރިއެޒްމަން ވަނީ އެމެރިކާ ލީގަށް ބަދަލުވާން ބޭނުންވާކަން ކުލަބަށް އަންގައިފަ އެވެ.

ގްރިއެޒްމަން އެތްލެޓިކޯ އަށް ކުޅެން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ދެ ވަނަ ފަހަރަށް އޭނާ އެތްކެޓިކޯ އަށް ބަދަލުވީ 2019 އިން 2021 އަށް ބާސެލޯނާ އަށް ކުޅުމަށްފަހު އެވެ. އޭނާ ވަނީ އެތްލެޓިކޯ އަށް މިހާތަނަށް 142 ގޯލު ޖަހައިދީފަ އެވެ.

ސްލޮވީނިއާގެ ގައުމީ ކީޕަރު އޮބްލަކް، 33، އަކީ ފާއިތުދިޔަ އަށެއްކަ އަހަރު އެތްލެޓިކޯގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް އޭނާ ވިއްކާލަން ކުލަބުން ބޭނުންވަނީ ޒުވާން ކީޕަރަކަށް އިންވެސްޓް ކުރުމުގެ ގޮތުންނެވެ.

2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެތްކެޓިކޯ އަށް 395 މެޗު ކުޅެދީފައިވާ ކީޕަރު އޮބްލަކްގެ މުސާރަ ބޮޑުކަމުން ޔޫރަޕުގެ ކުލަބަކުން އޭނާ ގަތުން ގާތް ނޫން ކަމަށް ބެލެވެ އެވެ. މިހެންވާނަމަ އެތްލެޓިކޯ އަށް ލިބޭނެ ފުރުސަތަކީ ސައުދީ އަރަބިއާގެ ކުލަބަށް އޭނާ ވިއްކާލުމެވެ. ސަބަބަކީ މުސާރަ ކުޑަކުރަން އޮބްލަކް ބޭނުން ނުވާތީ އެވެ.