ލިވަޕޫލުގެ ކޯޗުކަމާ ހަވާލުވިއިރު އަޑުއިވުނީ އެއީ ކޯޗަށް އެހީތެރިވެދޭ ޓީމެއް ކަމަށާއި ނަމަވެސް ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދަނީ އެފަދަ މަންޒަރެއް ނޫން ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.
އޭނާ މިހެން ބުނީ ތުރުކީގެ ގަލަޓަސަރާއީއާ ދެކޮޅަށް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ސްލޮޓް ސަޕޯޓަރުންގެ ވާހަކަ ފާހަގަ ކުރި މައިގަނޑު ސަބަބަކީ ލިވަޕޫލް މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުން އޭނާ އަށް ވެސް މަލާމާތް ކުރާތީ ކަމަށެވެ.
"އަމިއްލަ ހައިސިއްޔަތުން ބުނާނަމަ އަހަރެން ދެރަވޭ އެކަން އެހެންވީމާ. އެކަމަކު އަހަރުމެން މަސައްކަތް މި ކުރަނީ ނަތީޖާތައް ރަނގަޅު ކުރަން. އަހަރެން އަޑުއެހީ މި ކުލަބަށް އައިއިރު މިއީ ކޯޗަށް ވެސް އެއްބާރުލުން ދޭނެ ކުލަބެއް ކަމަށް. އެކަމަކު ސަޕޯޓަރުން މި ދަނީ އެއާ އިދިކޮޅަށް. އަހަރެން އުއްމީދު ކުރަނީ މެޗުތަކުގައި ކުޅުންތެރިންނަށް ދޭ ތަރުހީބު ކޯޗަށް ވެސް ލިބިގެންދާނެ ކަމަށް،" ސްލޮޓް ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ކަމާ އޭނާ ހަވާލުވީ ހުސްވި ސީޒަނުގަ އެވެ. ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ނަމަވެސް އޭގެ ފަހުން ލިވަޕޫލްގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިކަމާ ސަޕޯޓަރުން ހިތްހަމަ ނުޖެހިފައިވާއިރު ކުލަބުގެ ލެޖެންޑުން ވެސް ދަނީ ކޯޗަށް ފްރެޝަރު ކުރަމުންނެވެ.
ލިވަޕޫލް މިވަގުތު އޮތީ އިނގިރޭސި ލީގުގެ ތާވަލުގެ ފަސް ވަނާގަ އެވެ. ގަދަ ހަތަރެއް ނުލިބި ސީޒަން ނިންމާލައިފިނަމަ ކޯޗުގެ މަގާމު ގެއްލުން ގާތެވެ. އެއީ ހަތަރަކަށް ނުގޮސްފިނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ގެއްލޭނެތީ އެވެ. އަދި މިރޭ ގަލަޓަސަރާއީ އަތުން މޮޅު ނުވެއްޖެނަމަ ލިވަޕޫލް މުބާރާތުން ކަޓާނެ އެވެ.
ސްލޮޓް ބުނީ ސަޕޯޓަރުން ހިތްހަމަ ނުޖެހޭއިރު އޭނާ އަށް ވެސް ގޯސްކޮށް ކަންކަން ކުރެވިދާނެ ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރަނީ ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަން ކަމަށެވެ.