ޚަބަރު

ކުޅުދުއްފުށީގައި އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަން ފަށަނީ


  • 500 ކިޔުބިކް މީޓަރުގެ އާރްއޯ ޕްލާންޓެއް ވަނީ ޤާއިމްކޮށްފައި

  • 1450 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމެއް ޤާއިމުކޮށްފައިވޭ

އަންނަ މަހުން ފެށިގެން ކުޅުދުއްފުށީގައި އިޔާދަކުރަނިވި ހަކަތައިން މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދޭނެ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ހާމަކޮށްފިއެވެ.

މިއީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށް ކުރި މުހިންމު މަސައްކަތެއްގެ ގޮތުގައި އެކުންފުނިން ސިފަކުރެއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އެއްކޮށް އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ކަމަށެވެ. އަދި މިހާރު މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފައިވާ ކަމަށެވެ.

މަތީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ނިޒާމު ޓެސްޓުކުރުމުގެ މަރުހަލާ ކަމަށާއި، އެ މަސައްކަތް ނިމުމާއެކު އެޕްރީލް މަހުން ފެށިގެން ކުޅުދުއްފުށީގައި ޑީސަލްއާއި ނުލާ މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ ޤާބިލުކަން ލިބިގެން ދާނެ ކަމަށެވެ.

ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ހުރި އާރްއޯ ޕްލާންޓަކާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއްގެ އިތުރުން 1450 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމެއް ވަނީ ޤާއިމުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މި މަޝްރޫއަށް ހިނގި ޚަރަދުގެ 27 އިންސައްތައަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން ޖީއީސީގެ ހިލޭ އެހީ ކަމަށެވެ. އަދި މި ނިޒާމާއެކު ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އިމްޕޯޓް ކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތްތަކާއި އަދި އޮޕަރޭޝަންތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ މަސްރަހަށް އަންނަ ލޮޅުންތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ފެނުގެ ޚިދުމަތް ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.