ޔޫރަޕިއަން ޗެމްޕިއަންސް ލީފު ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕޭނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު އަމިއްލަ ބާރު ބަޔާނަށް އޮތް ނަމަވެސް އިދިކޮޅު ޓީމާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ގޯލްކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.
ބަޔާންގެ ކެޕްޓަންކަން ވެސް ކުރާ ތަޖުރިބާކާރު ކީޕަރު ބުނީ ފަހަތުގައި ވަރުގަދަ ފާރެއް ހުރެފިނަމަ ފަރުބަދަކަށް އެރުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ.
"އެ މީހުންނަކީ ވަރަށް ވަރުގަދަ ތާރީހެއް އޮތް ބައެއް. އެއީ މިފަދަ މެޗުތަކަށް ނުކުންނައިރު އެ މީހުންނަށް ލިބޭ އިތުބާރެއް. ދެން އެ މީހުންނަށް ވަނީ މިދިޔަ ދެ ސީޒަނުގައި ގިނަ ތަށިތަކެއް ގެއްލިފައި. އަދި ސްޕެނިޝް ލީގުގައި މި ސީޒަނުގައި އޮތް ހިސާބަށް ބަލާއިރު މި މެޗަށް އެޑްވާންޓޭޖްތައް އެ މީހުންނަށް ލިބޭ. ފަރުބަދައަކަށް އެރުމަކީ އުނދަގޫ ކަމެއް. އެކަމަކު ފަހަތުގައި ވަރުގަދަ ފާރެއް ހުރެފިނަމަ އެއީ އެއްވެސް ކަމެއް ނޫން،" ކީޕަރު ބުންޏެވެ.
އޭނާ އަދި ބުނީ ރެއާލް މެޑްރިޑާ ހިލާފަށް ބަޔާން މިއުނިކުން ދަނީ ހުރިހާ މުބާރާތަކަށް ވާދަ ކުރަމުން ކަމަށާއި މިއީ ޓީމަށް ވަރުވަލިކަމާއި ލޮޑުކަން ކުރިމަތިވާނެ ކަމެއް ކަމަށެވެ.
"މިފަދަ ކަންކަމާހުރެ އެ މީހުންނަށް ވެސް އެޑްވާންޓޭޖްތަކެއް ލިބޭ. އެކަމަކު އަދި މިސްރާބު ކަނޑައަޅަން ދުއްވަން މި ތިބީ އަހަރުމެން. އެކަލު މިއީ އަހަރުމެން ފަރުވާ ކުޑަކޮށްލައިފިނަމަ އަތުން ދޫވެދާނެ މެޗެއް،" ނޯޔާ ބުންޏެވެ.
މި ދެ ޓީމު މީގެ ހަފުތާއެއްގެ ކުރިން ކުޅުނީ ރެއާލްގެ ދަނޑުގަ އެވެ. އެ މެޗު ބަޔާން ކާމިޔާބު ކުރީ 2-1އިންނެވެ. މިހެންވެ ރެއާލް އަށް ދެ އަހަރުގެ ތެރޭގައި ހޯދެން އޮތް ހަމައެކަނި ތައްޓާ ހަމައަށް ދާން ފުރުސަތު ނުގެއްލިދާނެ ހަމައެކަނި ގޮތަކީ މި މެޗުން މޮޅުވުމެވެ.