ޚަބަރު

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ނިންމަނީ


  • 152 ރަށުގައި ނަރުދަމާގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައި

  • 141 ރަށުގައި ފެނުގެ ވިއުގަ ޤާއިމްކޮށްފައިވޭ

2027 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ވަކިވަކިން ޤާއިމްކޮށްފައިވާ ރަށްތައްވެސް ހިމެނެއެވެ.

ތިމަވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފެނުގެ ޚިދުމަތް ދެމުންގެންދިޔާއީ 66 ރަށުގައިކަމަށާއި ނަމަވެސް މިއަހަރުގެ މިހާތަނަށް އައިރު 141 ރަށުގައި ފެނުގެ ވިއުގަ ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. އަދި އިތުރު 75 ރަށެއްގައި ފެނުގެ ވިއުގަ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފެނުގެ ޚިދުމަތް ޤާއިމްކުރުމުގެ އިތުރުން ރައްކާތެރި ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން މި ސަރުކާރު ހަވާލުވިއިރު ނަރުދަމާ ނިޒާމް ޤާއިމްކޮށްފައިވަނީ 101 ރަށުގައެވެ. ނަމަވެސް މިހާތަނަށް އައިރު 152 ރަށުގައި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދެމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ބާކީ 37 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކާމަށާއި އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާ ނަރުދަކާ ނިޒާމް ޤާއިމްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

"ފެނާ ނަރުދަމާގެ ޤާނޫނުގައި ލާޒިމް ކުރޭ ވަކި މުއްދަތެއްގެ ތެރޭގައި ޚިދުމަތް ރައްޔިތުންނާ ފޯރުކޮށްދީ ނިންމުމަށްޓަކައި. މިހާރު 2027 ވަނަ އަހަރު ނިމުމުގެ ކުރިން ބާކީ ހުރި ރަށްރަށުގައި މި މަސައްކަތް ޤާއިމްކޮށް ނިންމާލެވޭނެ. މިހާރު %90 ރަށުގައި ފެނުގެ ނިޒާމް ޤާއިމްކޮށްފައި. އަދި ނަރުދަމާގެ ޚިދުމަތް %95 ރަށުގައި ވަނީ ޤާއިމްކޮށްފައި." ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރަށްރަށުގައި މީހުން މިހާރު ދިރިއުޅެމުންދާ ސަރަޙައްދުތަކުގެ އިތުރަށް އަލަށް ހިއްކާފައިވާ ސަރަޙާއްދުތަކަށްވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާ ނިޒާމެއް، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމަށް 2025 ވަނަ އަހަރު ވަނީ ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާޙް ގެނެސްފައެވެ. މި އިސްލާޙްގައި ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައެވެ.

ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި ރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުޠުތައްވެސް ހިމެނެއެވެ. ހަމައެއާއެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއްކުރާ ފަރާތެއްގެ އަދަބުވެސް ކަނޑައަޅާފައިވެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި "ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އެއްވެސް އެކުލަވާލާފައެވެ. މި ސިޔާސަތުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، ދާއިރާގެ ކުރިއެރުމަށް އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާއިން އިތުރު ދިރާސާތައް ކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމަށްވެސް މި ސިޔާސަތުގެ ދަށުން ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.