ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް އިސްތިއުފާދީފިއެވެ.
މުއާޒް ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮންގްރެސް ޕާޓީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ހަލީމް ވިދާޅުވީ، މަގާމުން އިސްތިއުފާދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްކަމަށެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ @MMuizzu ފައްޓަވާފައިވާ ހަރުދަނާ…
— MuazHaleem (@muazhalym) April 18, 2026
އެހެންކަމުން ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އިސްތިއުފާ ދީފައިވާކަމަށް މުއާޒްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގައި 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ތިބެއެވެ. 74،000 އަށްވުރެ ގިނަ މެންބަރުންނާއިއެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީވެސް ކޮންގްރެސް ޕާޓީއެވެ.