ކުޅިވަރުގެ ދާއިރާއިން ވިޔަސް، ނުވަތަ އެހެން ގޮތްގޮތުން ބަލާއިރު ވެސް މުޅި ދުނިޔޭގައި އެންމެ ގިނަބައެއްގެ ބައިވެރިވުން ހިމެނޭ، އެންމެ ބޮޑު އެއް ހަރަކާތަކީ، ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ ފީފާ ވޯލްޑް ކަޕެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މި ހަރަކާތަށް ދޭ ސަމާލުކަމާއި، އޮތް ފޯރިއާއި ކުރާ އިންތިޒާރު ބޮޑެވެ. މުބާރާތުގެ މެޗުތައް ބެލޭނެގޮތްގޮތް ހޯދައި، ކުރީބައިގައި ތައްޔާރުވާން ފަށަނީ ވެސް ދިވެހިންގެ މެދުގައި މި ކުޅިވަރަށް ދެވިފައިވާ ޙާއްސަ މަގާމުގެ ސަބަބުންނެވެ.
އެހެންނަމަވެސް، ފާއިތުވީ ދިގު މާޒީގައި، ކުޅިވަރުގެ އެހެނިހެން ހަރަކާތްތަކަކެކޭ އެއްފަދައިން ފީފާ ވޯލްޑް ކަޕުގައި ވެސް ދިވެހިންގެ އެންމެ ގާތް މިތުރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.
ދިވެހި ސިޓިންރޫމުތަކަށް މެދުނުކެނޑި މި މުބާރާތް ގެނެސްދިން ހަމައެކަނި ބަޔަކީ ޓީވީ މޯލްޑްވްސްއެވެ. މިއަގުހުރި މަސައްކަތް ޓީވީން ފެށީ 1986 ވަނަ އަހަރުއެވެ. އޭރު މިފޯރި ނެގީ އަޅުގަނޑުމެންގެ ކާބައިފައިންނެ. މާމައާއި ކާފަމެނާއި ބައްޕަ އާއި މަންމަމެންނެވެ. އޭރުގެ ނޫކަށި ފުރައިގެ ގިނަ ބައެއްގެ ހިތުން ޑިއެގޯ މަރަޑޯނާ ފަދަ ތަރިން ޖާގަހޯދީ ޓީވީން ވަގުތުން ގެނެސްދިން މަންޒަރުތަކުގެ ސަބަބުންނެވެ.
އިހުގައި މައުލޫމާތަކީ ވަރަށް ތަދުއެއްޗަކަށްވާއިރު، މިފަދަ ޒަމާނެއްގައި ވޯލްޑް ކަޕް ކަވަރޭޖް ފުޅާކޮށް، ޓީވީން އަބަދުވެސް ދިޔައީ ކުރިއެރުން ހޯދަމުންނެވެ. ޖެހިގެން އައި 1990ގެ މުބާރާތަށްފުރަތަމަ ފަހަރަށް ވޯލްޑްކަޕުގެ މައުލޫމާތު ހިމެނޭ ހާއްސަ ފޮތެއް ނެރުނެވެ.
އޭގެފަހުން ކޮންމެ މުބާރާތަކަށް ގެނައި ބަދަލުތަކަކީ މަގުބޫލު، ގިނަ ބަޔަކަށް ކަމުދިޔަ ބަދަލުތަކަކަށްވިއެވެ. ދަނޑުފޯރި އާއި އެކިއެކި މައުޟޫތަކަށް ތައްޔާރުކުރި ހާއްސަރިޕޯޓްތަކާއި ރަށްރަށުން ގެނައި މަންޒަރުތަކާއި ހުށަހެޅުންތެރިންނާއި އެނަލިސްޓުންގެ އިތުރުން ކަވަރޭޖަށް ކިޔަމުން ދިޔަ ނަންތަކަކީ ވެސް މުބާރާތުގެފޯރި ހިއްޕާލި ސަބަބުތަކެވެ.
1986 ގައި މެކްސިކޯގައި ކުޅުނު ވޯލްޑް ކަޕުން ފެށިގެން، 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ތާރީޚީ ވޯލްޑް ކަޕާ ހަމައަށް ވެސް، މި މުބާރާތް ދިވެހިންގެ ސިޓިން ރޫމާ ހަމައަށް ގެނެސްދިން މިތުރު، މިފަހަރު ވެސް މިވަނީ އައު ހިތްވަރަކާއި އަޒުމަކާއެކު، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުގެ މަންޒަރުތަކާއި ވާހަކަތައް އަދި މުހިންމު މައުލޫމާތުތައް ގެނެސްދޭން ތައްޔާރީތައް ފަށާފައެވެ.
މިފަދަ ބޮޑެތި މުބާރާތްތައް ވަގުތުން ދުރަށް ދެއްކުމަށް ހިނގާ ހަރަދު އަހަރުން އަހަރުން ބޮޑުވަމުން ދިޔައިރު، މެޗުތައް ވަގުތުން ނުފެނިދާނެ ކަމުގެ ބިރު ވެސް ހީވި ފަހަރުތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް އެއްވެސް އަގަކާ ނުލައި ހިލޭ ސާބަހަށް ދިވެހިންނަށް މެޗުތައް ދައްކަން، ޓީވީން ސާބިތުކަންދެއްކިއެވެ. ދިވެހިންނަށްވުރެ މާ ފުދުންތެރި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތައް އަދިވެސް އެ ތިބީ ޕީއެސްއެމް އަދާކުރާ މި ރޯލު އެ ގައުމުތަކުގައި އަދާކޮށްދޭނެ ބަޔަކުނެތިފައެވެ. މެޗުތައް ދެއްކުމަށްފީފާ އަށް ދައްކަން ޖެހޭ އަގު ބޮޑުކަމުން އަވަށްޓެރި އިންޑިޔާ އާއި މެލޭޝިޔާ އާއިޕާކިސްތާން ފަދަ ގައުމުތަކުގައި މިކަމަށް އިސްނަގާނެ މީޑިއާއެއް ވެސް ނެތެވެ.
ޕީއެސްއެމް އަށް ވެސް މިކަން މި ކުރެވެނީ މިކަމުގައި ގިނަބައެއްގެ އެހީތެރިކަން ލިބޭތީއެވެ. 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ މީޑިއާނެޓުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މި މަސައްކަތް ޕީއެސްއެމް އިން ކުރާއިރު، މިކަން މަގުފަހިކޮށްދީފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.
އެކަން، ޕީއެސްއެމްއާއި މީޑިއާނެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ދެއްކެވި ވާހަކަފުޅުން ވެސް ހާމަވެއެވެ.
"ދިވެހި ރައްޔިތުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް، މީޑިއާނެޓްގެ އެހީތެރިކަމާ އެކީގައި މި މުބާރާތް ހިލޭ އަޅުގަނޑުމެންނަށް މި ފޯރުކޮށްދެވެނީ ދިވެހި ސަރުކާރުގެ އަޒުމު އެގޮތަށް އޮތީތީ. ދިވެހި ސަރުކާރުން ބޭނުންފުޅުވޭ ދިވެހި ރައްޔިތުންނަށް ހިލޭ މި މުޅި މުބާރާތް ގެނެސްދޭން. އަޅުގަނޑު ސިފަކުރަނީ ދިވެހި ރައްޔިތުންނަށް ދިވެހި ސަރުކާރުން ޙާއްސަކޮށް ދިވެހި ޒުވާނުންނަށް ސަރުކާރުން ދެއްވާ ހަދިޔާއެއްގެ ގޮތުގައި. އެހެންކަމުން މި ދަނޑިވަޅުގައި، ސަރުކާރުގެ ކަމާގުޅޭ ހުރިހާ ބޭފުޅުންނަށް، ވަކިން ޙާއްސަކޮށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް، ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން". ރައްޔިތުންނަށް ހިލޭ ވޯލްޑް ކަޕްގެ މެޗުތައް ގެނެސްދިނުމުގައި ސަރުކާރުން އަދާކުރި ދައުރު ހާމަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައި ޝަކީބް ވިދާޅުވިއެވެ.
މީގެއިތުރުން، މުބާރާތުގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓިން ލައިސަންސް ހޯދި މީޑިއާނެޓުގެ ހެޑް އޮފް ރެޒިޑެންޝަލް ސޭލްސް، ޙުސެއިން ސަމްޢާން ވަނީ، މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފީފާއާއެކު އެއްބަސްވުމެއް ހަދައި، ޑިސްޓްރިބިއުޝަންގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަން ފާޙަގަކުރައްވާފައެވެ.
އަދި ޕީއެސްއެމްއާއެކު ވެވުނު އެއްބަސްވުމާއެކު، މުޅި ރާއްޖެއަށް އިތުރު އެއްވެސް އަގަކާ ނުލައި ވޯލްޑް ކަޕް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، މި މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ދިވެހި ސަރުކާރުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ވޯލްޑް ކަޕަށްވާއިރު އެންމެ ހަރަކާތްގިނ،ަ އެންމެ ހަލަބޮލިވާނެ މުބާރާތަށް ވާނެއެވެ. 48 ގައުމު ބައިވެރިކޮށްގެން ބާއްވާ މުބާރާތުގައި 100 އަށްވުރެ ގިނަ މެޗު ކުޅޭނެއެވެ. މެންދަމުން ފެށިގެން ފަތިހާއި ހެނދުނު ވެސް މުބާރާތުގެ މެޗުތައް ކުޅޭނެއެވެ.
މި ތަޖުރިބާ މީގެ ކުރިން ދިވެހިން ކޮށްފައިވަނީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައެވެ. ތަފާތު ކެއުންތަކާއި އެކި
ހިސާބުތަކުގައި ޑިޝްއެންޓަނާ އާއި ބޮޑު ސްކްރީން ބަހައްޓައިގެން އޭރު ފޯރި ނެގިއިރު، އޭގެ 22 އަހަރު ފަހުން އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާއިން ވޯލްޑް ކަޕް އަޅުގަނޑުމެންނާ ބައްދަލު ކުރަނީ ކޮންމެތާކު ހުރެގެން ވެސް މެޗުތައް ބަލައި މައުލޫމާތު ލިބިގަތުމުގެ ހޭލުންތެރި ޒަމާނެއްގައެވެ.
މިއަދު އާ ގޮތަކަށ،ް އާ ސްޓައިލެއްގައި ފޯރި ނަގަން މިތިބީ މުޅިން އައު ޖީލކެވެ. ޝައުގުވެރި އައު ވިސްނުންތަކާއެކު، ފޯރިގަދަ
މުބާރާތަކަށް ހެދުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ.