ޚަބަރު

ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު


  • ގޭމްސްގައި ރާއްޖެއިން ހަތަރު ކުޅިވަރަކުން ވާދަކުރޭ

  • ހޭންޑްބޯޅަ ފިޔަވައި އެހެން ކުޅިވަރުތަކުން ދެ ޖިންސުގެ އެތުލީޓުން ބައިވެރިވޭ

ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭކަމަށް، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިފަހަރުގެ އޭޝިއަން ބީޗް ގޭމްސް ކުރިއަށްދަނީ ޗައިނާގެ ސަންޔާގައެވެ.

ވަޒީރު ރާފިއު ދިވެހި ކޮންޓިންޖެންޓާ ބައްދަލުކުރައްވާފައި ވަނީ އެތުލީޓްސް ވިލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެތުލީޓުންނާއި އޮފިޝަލުންނާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، ޗައިނާގެ ސަންޔާގެ ހާއްސަކަން ފާހަގަކުރައްވައި، ކުޅިވަރު މުބާރާތްތަކުގައި އެ ގައުމެއްގެ ސަގާފަތާއި އާދަކާދަތައް ހޯދައި، އެކަމުގެ ތަޖުރިބާ ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ވަޒީރު ވަނީ، ގައުމަށްޓަކައި ހިތްވަރު ދައްކައި، ގައުމަށްޓަކައި ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެތުލީޓުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިހާތަނަށް އެތުލީޓުންގެ ފަރާތުން ފެންނަމުންދާ ހިތްވަރަށް ސަބާސް ދެއްވާ، ނަތީޖާތަކާ ދޭތެރޭ ހިތްހަމަ ޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އަދި މިފަހަރު ގޭމްސްގެ ޗެފް ޑި މިޝަން އަހުމަދު އައުޝަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ހަތަރު ކުޅިވަރަކުން ދަނީ ވާދަކުރަމުންނެވެ. އެއީ ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ހޭންޑްބޯޅަ، ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.

މީގެތެރެއިން ބީޗް ހޭންޑްބޯޅަ ފިޔަވައި އެހެން ހުރިހާ ކުޅިވަރެއްގައި ވެސް އަންހެން އަދި ފިރިހެން އެތުލީޓުން ބައިވެރިވެއެވެ. އެހެނަނަމަވެސް ހޭންޑްބޯޅައިން ބައިވެރިވަނީ ފިރިހެން ޓީމު އެކަންޏެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމުން އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރިއިރު އެ ޓީމުން ވަނީ ބަންގްލަދޭޝް އަދި މޮންގޯލިއާ އަތުން މޮޅުވެފައެވެ. އަދި ބީޗްވޮލީގައި ވެސް ރާއްޖެއިން ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެއިތުރުން ބައެއް އެތުލީޓުން ޕާސަނަލް ބެސްޓް ޓައިމިން ހަދާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.