ޚަބަރު

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް ބަލަނީ


  • އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ

  • ފައިނަލް ޕްލޭނެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް ބަލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ ރިޒާވް ޤާއިމް ކުރުމަށް މާލީ ވުޒާރާއާއި އިޤްތިޞާދީ ވުޒާރާ އަދި އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތައް ޚާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ދަނީ، ބަދަލުތަކެއް އަންނަމުންނެވެ. އަދި ތެޔޮ ލިބުމަށް ދަތިވެ ތެލުގެ އަގު ދަނީ އުފުލެމުންނެވެ. އެހެންކަމުން މިގޮތަށް އަންނަ ކުއްލި ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ރާއްޖޭގައި ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، 3 ފިޔަވައްސަކަށް ބަހާލައިގެން މި ރިޒާވް ޤާއިމްކުރުމަށް ނިންމާފައިވާއިރު މިތަންތަން ޤާއިމްކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މާލެ ސަރަޙައްދުގައި މި ރިޒާވް ޤާއިމްކުރުމަށް 2 ފަޅެއް ބަލަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، އެ ފަޅުތައް ބެލުމަށްފަހު އަންނަ ހަފުތާގެ ތެރޭގައި ސަރވޭތައް ކުރަން ފަށާނެ ކަމަށެވެ. އަދި ޑިޒައިންގެ މަސައްކަތްތަކާއި ފައިސާ ހޯދާނެ ގޮތްތަކުގެ އިތުރުން ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭންއެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ ކަމަށެވެ. އަދި ރައީސް ނިންމަވާ ގޮތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ތެލުގެ ރިޒާވް ހުންނަން ޖެހޭ. ފައިނަލް ޕްލޭން އެކުލަވާލާއިރު ސްޓޮކް ބެހެއްޓޭނެ މިންވަރާ ގުޅޭގޮތުންވެސް ޕްލޭންތައް ހަދާނެ." މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އިންޑިއާ ކަނޑަކީ، ތެލުގެ ސްޓޮކް ބަހައްޓައިގެން މަސައްކަތް ކުރާ ކުންފުނިތައް ހުންނަ ސަރަހައްދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރިޒާވް ޤާއިމްކުރުމަށްފަހު އެއްބައި ރާއްޖޭގެ ބޭނުންތަކަށް ރައްކާ ކުރެވޭނެ ކަމަށެވެ. އަދި ބާކީ ހުންނަ ބައި ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ.

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރަނީ، 1 އަހަރު ދުވަހަށް ބޭނުންވާނެ ވަރަށެވެ. މިއީ، 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫޢަކަށް ވާއިރު، ފޭސް 1ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެެވެ.

ރާއްޖެއަށް މިހާރު ތެޔޮ ގެނެސް ރައްކާކޮށްފައި ހުންނަނީ، މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. އާންމު ޚިދުމަތްތައް ދޭ ތަންތަނަށާއި، ރިސޯޓްތަކަށާއި އަދި އަމިއްލަ ފަރާތްތަކަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެނީ، ފުނަދޫ ޓާމިނަލުންނެވެ. މި ޓާމިނަލްގެ ކެޕޭސިޓީއަކީ، ޑީސަލް 291,000 ފީފާ އަދި 59،000 ފީފާގެ ޕެޓްރޯލްއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާއްޖޭގެ އެހެނިހެން އެއާޕޯޓުތަކަށް ބޭނުންވާ ޖެޓް ފިއުލް ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ.