ޚަބަރު

"އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވީ މި ސަރުކާރުން"


  • މިހާތަނަށް 10 ފޯރަމެއް ރާއްޖޭން ބޭރުގައި ބޭއްވުނުކަން ސްޕޯކްސްޕަރސަން ފާހަގަކުރެއްވި

މިހާތަނަށް އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވީ މި ސަރުކާރުން ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްމެންޓުތައް ގެނައުމަށް ނުވަތަ އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށް ޤާނޫނެއް ވުޖޫދަށް ގެނަސް އެއަށް އަމަލުކުރަންވެސް ފެށީ މި ސަރުކާރުން ކަމަށެވެ. އަދި އެއީ މުޅި މި ސަރަޙައްދުގައި އެކުލަވާލެވުނު ފުރިހަމަ ޤާނޫނުގެ ގޮތުގައި ސިފަކުރެއްވިއެވެ.

އިސް ތަރުޖަމާނު ވިދާޅުވީ، މީގެ ކުރިންވެސް ބިޒްނަސް ނުވަތަ އިންވެސްޓްމެންޓް ފޯރަމްތަކުގެ ނަމުގައި ފޯރަމްތަކެއް ބޭއްވިކަމުގައި ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދަ ފޯރަމްތައް ބާއްވަނީ ވަރަށް މުހިންމު މަޤުސަދެއް ހާސިލްކުރުމަށް ކަމަށެވެ. އަދި ލަންކާގައި ބޭއްވުނު ފޯރަމާއެކު މިހާތަނަށް މިފަދަ 10 ފޯރަމެއް ރާއްޖޭން ބޭރުގައި ބާއްވާފައިވާކަން އިސް ތަރުޖަމާން ފާހަގަކުރެއްވިއެވެ.

"އިންވެސްމެންޓެއް ރާއްޖެއަކަށް ނުވެއް ގެނެވޭނެ ހަމައެކަނި ވެބްސައިޓެއްގަ މިއޭ ރާއްޖޭގައި ހުރި އިންވެސްޓްމެންޓުގެ ފުރުސަތުތަކޭ ކިޔާފައެއް. އަޅުގަނޑުމެން މި ކުރާ ކަމަކީ ހަމަސީދާ އެ ގައުމަށްގޮސް އެ ޤައުމުގައި ތިބި ވިޔަފާރިވެރިންނަށް ކިޔައިދިނުން ރާއްޖޭގައި ހުރި ފުރުސަތުތައް. މިކަހަލަ ފަހި ނިޒާމުތަކެކޭ ރާއްޖޭގައި އޮންނާނީ." އިސް ތަރުޖަމާނު ވިދާޅުވިއެވެ.

މިފަދަ ފޯރަމްތަކަށް އާންމުގޮތެއްގައި ވަޑައިގަންނަވަނީ ކަންކަމުގައި ގޮތް ނިންމޭ ވަރުގެ ނުވަތަ އެ ވިޔަފާރިއެއްގެ ހިންގުމުގެ އެންމެ އިސް މަޤާމުގައި ތިއްބަވާ ފަރާތްތައްކަން ފާހަގަކުރައްވާ ތަރުޖަމާނު ވިދާޅުވީ، މީގެ ސަބަބުން ނެޓްވޯކިންގެ ކަންތައްތައް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް މާލީ މަންފާގެ އިތުރަށް އެހެނިހެން ގޮތްތަކުންވެސް ގިނަ ފުރުޞަތުތަކެއް ލިބިގެންދާ ކަމަށެވެ.