އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ޓީމުގެ ކުޅުންތެރިންނަށް ވިސާ ދީފައިނުވާތީ އެކަމާއި ގުޅޭ ގޮތުން މާދަމާ ފީފާ އާއި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބައްދަލުކުރަން ނިންމައިފި އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތޭޖް ވިދާޅުވެފައިވަނީ މުބާރާތް ފެށެން މަހަކަށް ވެފައިވާއިރު ޓީމުގެ މެމްބަރުންގެ ވިސާއަށް ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއް ފޮނުވާފައިވީ ނަމަވެސް އަދިވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
ފީފާ ވޯލްޑްކަޕްގައި އިރާނުން ކުޅެން ޖެހޭ ތިން މެޗުވެސް އެމެރިކާގައި ކުޅެން ނިންމާފައިވާއިރު މީގެ ކުރިން އިރާނުންވަނީ އެމެރިކާ ނޫން ގައުމެއްގައި މެޗުތައް ކުޅެވޭނެ ގޮތަކަށް ބަދަލުކޮށްދިނުމަށް ފީފާ ގައި އެދިފަ އެވެ. ނަމަވެސް އެކަމަށް ފީފާއިން އެއްބަސްވެފައެއް ނުވެއެވެ.
"ޓީމުގެ މެމްބަރުންގެ ވިސާއަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ވާނީ ދީފަ ނަމަވެސް އަދިވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ނުލިބޭ. ވިސާ ލިބެނީ ކޮންބަޔަކަށްތޯ ނުވަތަ ނުލިބެނީ ކޮން ބަޔަކަށްތޯވެސް ނޭނގޭ." ތޭޖް ވިދާޅުވި އެވެ.
ތޭޖް އިތުރަށް ވިދާޅުވެފައިވަނީ ވޯލްޑްކަޕްގައި އިރާނުން ވާދަކުރާއިރު މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކަށްވެސް ލިބިދޭ ހުރިހާ ހައްގެއް އިރާނަށްވެސް ލިބޭނެކަން ފީފާއިން ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މާދަމާގެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ދާދި ފަހުން ކެނެޑާގައި ނިމިގެންދިޔަ ފީފާގެ ކޮންގްރެސްގައި ބައިވެރިވުމަށް މެހްދީ ތޭޖް ކެނެޑާއަށް ވަޑައިގަތުމުން އޭނާއަށް ވިސާ ދިނުމަށް ކެނެޑާއިން ވަނީ އިންކާރުކޮށްފަ އެވެ.
މެހްދީ ތޭޖް އިތުރަށް ވިދާޅުވެފައިވަނީ ވީސާގެ ކަންތައްތައް އަދި ހަމަޖެހިފައިނެތް ނަމަވެސް ވޯލްޑްކަޕަށް އެ ޓީމުން ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށެވެ.