ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ތާވަލާ އެއްގޮތަށް، ބާރަށް ކުރިއަށްދާކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ އެންމެ ބޮޑު ވަޢުދެކެވެ.
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އެކި މަރުޚަލާތަކަށް ބަހާލައިގެންނެވެ. ވިޔަފާރި ބަނދަރުގެ މަޝްރޫޢު ގުޅިފަޅުން ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި، އެކަމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
ބަނދަރު ތަރައްޤީ ކުރުމަށް ތިލަފުށިން 60 ހެކްޓަރުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ. އެމްޕީއެލްއިން ވިދާޅުވީ، ތިލަފުށީ ޕޯޓު މަޝްރޫޢުގެ ފޭސް1ގެ މަސައްކަތްތައް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
މި ޕޯޓް ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހިވާގޮތަށް ތަރައްޤީ ކުރާ ބަނދަރަކަށެވެ. މުދާ އަރުވާ ބޭލުމާއި، ސްޓޯރޭޖް ފެސިލިޓީތަކާއި އަދި އިކުއިޕްމަންޓުގެ ގޮތުންވިއަސް، އެންމެ ޒަމާނީ އަދި ޚިދުމަތް އަވަސްކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ.
Thilafushi Port Project Phase I is progressing steadily, supporting the development of a modern and efficient port facility that will strengthen national logistics and maritime services.
— Ministry of Economic Development,Transport & Trade (@MoEDmv) September 1, 2026
The project continues to move forward in line with the planned construction. Once completed,… pic.twitter.com/B6KGbK4Yl1
މިދިޔަ މަހު ޕީއެސްއެމްގެ ނޭޝަން ޗެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ދޭ ގޮތަށް ކަންކަން އިންތިޒާމު ވެގެންދާނެ ކަމަށެވެ. ތިލަފުއްޓަށް ބަދަލުވާނީ، %80 މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ. ބާކީ ހިމެނޭ ޚިދުމަތްތައް ޤާއިމުކުރާނީ، އިންޑަސްޓްރިއަލް ވިލެޖުގެ ފެސިލިޓީގައެވެ. އަދި ޓިޖެޓީ ސަރަހައްދަށްވެސް ބަދަލުތައް ގެންނާނެއެވެ.
މި ޚިދުމަތްތަކުގެ މުޅި ސިސްޓަމް ބަދަލުވެގެންދާނީ، ޑިޖިޓަލައިޒް އޮޓަމޭޑެޓް ސިސްޓަމަކަށެވެ. މިއީ، އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގެންނަ ބަދަލުތަކެކެވެ.
ތިލަފުށީ ޕޯޓުގައި ވަސީލަތްތައް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް މިހާރު އެމްޕީއެލްއިން ވަނީ، އިޢުލާނުކޮށްފައެވެ. މި މުޅި ފެސިލިޓީ ވެގެންދާނީ، މާލޭގެ މިހާރުގެ ވިޔަފާރި ބަނދަރުގެ 10 ގުނަ ބޮޑު ބަނދަރަކަށެވެ. މުދާ އަރުވާ ބޭލުމަށް ބޮޑު ބަނދަރެއްވެސް ތަރައްޤީކުރާނެއެވެ.
މި ބަނދަރަކީ، %100 ދިވެހިން ރައްޔިތުންގެ މިލްކެކެވެ.
މި މަޝްރޫޢުއަށް 150 މިލިޔަން ޑޮލަރު ހޭދަވާނެކަމަށް އަންދާޒާކުރެވެއެވެ. މިހާރު ކުރިއަށްގެންދާ ފޭސް 1ގެ މަސައްކަތްތައް ނިމި، އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޚިދުމަތަށް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.
މާލޭގެ މައި ވިޔަފާރި ބަނދަރުގެ ޚިދުމަތަށް 39 އަހަރު ވަނީ ފުރިފައެވެ. ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން މި ޚިދުމަތް ދިނުމުގައި ދަނީ، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.