ޚަބަރު

ކޮންގޯއާއި ޔުގާންޑާގައި ހަލުވިކަމާއެކު އިބޯލާ ފެތުރޭތީ ޑަބްލިޔުއެޗްއޯގެ އިންޒާރެއް


ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި (ޑީއާރްސީ) ޔުގާންޑާގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިބޯލާ ހަލުވިކަމާއެކު ފެތުރެމުންދާ ކަން ހާމަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) އެ ސަރަޙައްދުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ޞިއްޙަތާ ބެހޭ މައި އިދާރާއިން ބުނީ، "ބަންޑީބޫޖޯ" ވައިރަހުގެ ސަބަބުން ފެތުރޭ މި ބަލި ކޮންގޯއާއި ޔުގާންޑާގައި ފެތުރެމުންދިޔަ ނަމަވެސް، މުޅި ދުނިޔެއަށް ބަލިމަޑުކަމެއްގެ ސިފައިގައި ފެތުރުމުގެ ނުރައްކާ އަދި ނެތް ކަމުގައެވެ. ނަމަވެސް، ކޮންގޯއާ އިންވެގެންވާ އަވައްޓެރި ޤައުމުތަކަށް މި ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމުގައި އެ އިދާރާއިން އިންޒާރުކުރިއެވެ.

މި ފަހަރު ކޮންގޯގައި ފެތުރެން ފެށި މި ބަލި، ސަރަޙައްދީ ރޮނގުތައް ހުރަސްކޮށް، އަވައްޓެރި ޤައުމުތަކަށް ވަނީ ފެތުރެން ފަށާފައެވެ. މި ގޮތުން ޔުގާންޑާގެ ވެރިރަށް ކަމްޕާލާއަށް ކޮންގޯއިން ދަތުރުކުރި ދެ މީހެއްގެ ހަށިގަނޑުން ބަލި ފެނިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ކޮންގޯގެ އިޓޫރީ ޕްރޮވިންސުން އެ ޤައުމުގެ ވެރިރަށް ކިންޝާސާއަށް ދަތުރުކުރި މީހެއްގެ ހަށިގަނޑުން ވެސް މި ބަލި ފެނިފައިވާ ކަން ޑަބްލިޔުއެޗްއޯއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

މޭ 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ބޫނިޔާ، ރުވަމްޕާރާ އަދި މޮންގްބުވާލޫ ހިމެނޭ ގޮތުގައި ތިން ސަރަޙައްދަކުން ބަލިޖެހިގެން 80 މީހުން މަރުވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމުގައި ޑަބްލިޔުއެޗްއޯއިން ހާމަކުރިއެވެ. އަދި، ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ އަށް ވޭދަނައަކާއި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ވޭދަނައެއް ފެނިފައިވާއިރު، ކޮންގޯގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އިރުމަތީ ޕްރޮވިންސްގައި އަލަށް ފެތުރެން ފެށި މި ބަލިމަޑުކަމުގައި 80 މީހުން މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މިއީ 1976 ވަނަ އަހަރު މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ކޮންގޯގައި މި ބަލި ފެތުރޭ 17 ވަނަ ފަހަރެވެ.

މި ފަހަރުގެ ބަލިމަޑުކަން ޚާއްޞަ ނުރައްކަލެއްގެ ގޮތުގައި ބެލެވެނީ، މީގެ ކުރިން ކޮންގޯއިން ފެނުނު ހުރިހާ ބަލިމަޑުކަމެއްހެން ފެތުރިފައިވަނީ "އިބޯލާ-ޒަޔަރު" ސްޓްރެއިންގެ ސަބަބުން ކަމަށްވެފައި، މިހާރު ފެތުރެމުންދާ "ބަންޑީބޫޖޯ" ވައިރަހަށް ޚާއްޞަ އެއްވެސް ފަރުވާއެއް ނުވަތަ ވެކުސިނެއް އަދި ހޯދިފައި ނެތުމުންނެވެ. މިއާއެކު، ސަރަޙައްދީ ރޮނގުގައި ބައްޔަށް ސްކްރީން ކުރުމުގެ އިންތިޒާމުތައް ވަރުގަދަކުރުމަށާއި، ބަލި ޖެހިފައިވާކަން ކަށަވަރު ކުރެވޭ މީހުން ވަގުތުން އެކަހެރިކޮށް، 21 ދުވަސް ވަންދެން މޮނިޓަރުކުރުމަށް ވެސް ޑަބްލިޔުއެޗްއޯއިން ވަނީ ލަފާދީފައެވެ. އެފްރިކާ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީޑީސީ) ބުނީ، ހުންއައުމާއި، ހަށިގަނޑުގައި ރިއްސުމާއި، ހޮޑުލުމާއި، ބޭރަށްހިންގުން ފަދަ އަލާމާތްތައް ފެންނަ މި ވައިރަސް ފެތުރެނީ، ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔައިގެ ސަބަބުން ކަމުގައެވެ.