ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ފައިނަލުގެ ދެވަނަ ޖާގަ، ކާނިން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލަށް ކާނި ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު ހެލެނބެލި ބަލިކޮށްގެންނެވެ. އެޓީމުން މިމެޗު ކާމިޔާބުކޮށްފައިވަނީ، 3.2 އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ، 20 ލަނޑު ހަދައިގެންނެވެ. 9.2 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެލެނބެއްޔަށް ހެދިފައިވަނީ 19 ލަނޑެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކާނި ޓީމުގެ ކެޕްޓަން، މުޙައްމަދު ޝިފާންއެވެ.
އޭނާ ވަނީ މިމެޗުގައި 3.2 އޯވަރު އުކައިގެން ހެލެނބެލީގެ 5 ކުޅުންތެރިން ނުބައިކޮށްފައެވެ. މި 11 ބޯޅައިން ހެލެނބެއްޔަށް ހެދިފައިވަނީވެސް އެންމެ 5 ލަނޑެވެ.
މިމެޗުގައި ހެލެނބެލި ޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 22 ބޯޅައިން 9 ލަނޑު ހެދި މުޙައްމަދު ޔާސީން ޙުސައިން ނިޔާޒެވެ.
ކާނި ޓީމުން އެންމެ ގިނަ ލަނޑު ހެދީ 13 ބޯޅައިން 7 ލަނޑު ހެދި ޢުމައިރު އިބްރާހީމް ނަޞީރެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ފައިނަލުގައި ބައްދަލުކުރާނީ މަދޮށްޓާއި ކާންޏެވެ.
ޤައުމީ ޖޫނިއާ ޓީ 20 މުބާރާތުގެ ކުޅުން ކުރިއަށްދަނީ މެންދުރުފަހު 01:30 އިން 05:00 އަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ.