ޚަބަރު

އުފާވެރިކަމުގެ ކަރުނަ: ދީނާއި ޤައުމިއްޔަތުގެ ފުރިހަމަ ތަމްރީނުތަކެއް ވަތަނީ ޕްރޮގްރާމުން


  • ޕްރޮގްރާމުގެ 2 ބުރުން 680 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފި

  • ވަޠަނީ ޕްރޮގްރާމްގެ ތެރެއިން ކުދިންގެ އަޚްލާޤަށާއި އުޅުމަށް ހެޔޮ ބަދަލުތަކެއް

  • މުޢާމަލާތުކުރުމުގެ ހުނަރުތަކާއި ގުޅުން ބަދަހިކުރުމުގެ އާދަތައް ދަސްވޭ

އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، ރާއްޖޭގައި ތަންފީޒުކުރަމުންދިޔަ އެއް ޕްރޮގްރާމަކީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެކެވެ. އޭރު ތަންފީޒުކުރަމުންދިޔައީ ސްކޫލް ނިންމާ ހުރިހާ ކުދިން ސިފައިންގެއަށް ވެއްދުމުގެ ޕްރޮގްރާމެކެވެ. އޭގެތެރެއިން ބައެއް ކުދިންނަކީ މިއަދު ދައުލަތުގެ ހަރުދަނާ މަޤާމުތަކުގައި ތިބި މީހުންނެވެ. އެއީ ބައެއް ފަރާތްތަކުން ފާޑުކީނަމަވެސް އެއް ވަނަ ދުނިޔޭގައި ހަރުދަނާ މަސައްކަތްތެރިން ބިނާކުރުމަށް މިއަދުވެސް ތަންފީޒުކުރަމުންދާ ސިޔާސަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާއެކު ރާއްޖެއިންވެސް މިވަނީ މިދިމާއަށް މިސްރާބުޖަހާފައެވެ.

"ވަރަށް ޒުވާން އުމުރުގައި، ތިޔަކުދިން ތިޔަ ޚިޔާރުކުރީ ވަރަށް މުހިންމު ކަމެއްގައި ބައިވެރިވާން. އާދެ، އަޅުގަނޑު މި މަސައްކަތް ފެށުމަށް ނިންމީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ ތަރައްޤީ ފުރިހަމަމިނުގައި، ފުރިހަމަގޮތުގައި ހާސިލުވާނީ ޒުވާނުން ބިނާކުރެވިގެން. އިސްލާމްދީން ދެކެ ލޯބިވާ، ޤައުމު ދެކެ ލޯބިވާ، އަޚްލާޤު ރަނގަޅު، ހުނަރުވެރި ޖީލެއް ބިނާކުރެވިގެން."

މިއީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފައްޓަވާދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ވިދާޅުވި ވާހަކަފުޅެކެވެ. އެމަނިކުފާނު އެދުވަހު ވިދާޅުވި ވާހަކަފުޅުގައި ހުރި ބުރަދަން މިއަދު ހަމަލޮލަށް މިދަނީ ފެންނަމުންނެވެ. ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ކުދިން ދަސްވެނިވެ ނިމުނުއިރު މިޕްރޮގްރާމްގެ ސަބަބުން ކުދިންގެ ދިރިއުޅުމަށް މުހިއްމު ހެޔޮ ބަދަލުތަކެއް އަންނަކަން ބެލެނިވެރިން ފާހަގަކުރުމަކީ ޕްރޮގްރާމުގެ ކާމިޔާބީއެވެ. އޭގެއިން ހެޔޮ ބަދަލެއް ފެނިގެންދާކަން ހާމަވާކަމެކެވެ.

ވަޠަނީ ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ބައިވެރިވީ ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޢާއިލާތެރޭގައި ވާހަކަ މަދު، އަމިއްލަ އިޙްސާސް ބުނެދީ މުޢާމަލާތުކުރުމުގައިވެސް އުނދަގޫތަކެއް ކުރިމަތިވި ކުއްޖެކެވެ. ކުރިއަށްދާނެ ވަކި މިސްރާބެއް ނެތް ކުއްޖެއްނަމަވެސް މިޕރޮގްރާމުގައި ބައިވެރިވެ ތަމްރީން ނިމުނުއިރު މިއަދު އެކުއްޖާގެ ވާހަކަ ބަދަލުވެފައިވާކަމަށް ޢާއިލާގެ ފަރާތުންވަނީ ސޯޝަލް މީޑިއާގައި އުފަލާއެކު ހިއްސާކޮށްފައެވެ.

ސޯޝަލް މީޑިއާގައި އެކުއްޖާގެ ޢާއިލާގެ ފަރާތުން ހިއްސާކޮށްފައިވާ ޕޯސްޓުގައިވާގޮތުން ވަޠަނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގު ނެތްނަމަވެސް ސްކޫލް ނިންމާ ގޭގައި އޮތުމުގެ ބަދަލުގައި ޢާއިލާގެ އެދުމާއެކު އެކުއްޖާވަނީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވެފައެވެ. ތަމްރީނުގައި ހޭދަވި 3 މަސްދުވަހުގެ ތެރޭގައި އެކުއްޖާއަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެއްމަސްތެރޭގައި އެހެންމީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު އެކުއްޖާގެ ފަރާތުންވަނީ ފެނިގެންގޮސްފައެވެ. އަދި އޭނާގެ ފަރާތުން ހަރުދަނާ ސިފަތަކެއް ފެނިގެންވަނީ ގޮސްފައެވެ.

އެގޮތުން އަމިއްލަ އަންނައުނު ދޮވެ އިސްތިރިކުރުމާއި ސާފުތާހިރުކަމާއެކު ކަންކަން ބެލެހެއްޓުމާއި ދީނީ ކަންކަމަށް، ވަކިން ޚާއްސަކޮށް ނަމާދާއި ކީރިތި ޤުރުއާން ކިޔެވުމަށް ޝައުގު އުފެދިފައިވާކަން ޢާއިލާއިން ފާހަގަކުރިއެވެ. ހަމައެއާއެކު އަދުގެ ބައެއް ކުދިންގެ ފަރާތުން ފެންނަ ނެގިމަޑުވުމާއި ކަންނެތްކަން ފިލާ ވަޒީފާއަށް ދިޔުމުގެ ޢަޒުމް އެކުއްޖާގެ ފަރާތުން ޢާއިލާއަށްވަނީ ފެނިގެން ގޮސްފައެވެ. އަދި މިޕްރޮގްރާމްގައި ހޭދަވި ފަހު މަހުގެ ތެރޭގައި ކީރިތި ޤުރުއާން ޚަތިމްކޮށް ދެވަނަ ޚަތިމް ފަށާފައިވާކަން ހާމަކުރުމަކީވެސް ޢާއިލާ ހައިރާންކޮށްލިކަމެއްކަމަށް ޢާއިލާގެ ޕޯސްޓުގައިވަނީ ހާމަކޮށްފައެވެ.

އެއީ އެންމެ ކުއްޖެއްގެ ވާހަކައެވެ. މުސްތަޤުބަލާމެދު ވިސްނާ ޤައުމުގެ މާދަމާއާއި މެދު ފިކުރުކުރާ، ޢާއިލާގެ އެހެން ފަރުދުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރާ ޒުވާނަކަށް އެކުއްޖާ ބަދަލުކޮށްލި، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެވެ. މިޕްރޮގްރާމްގައި ބައިވެރިވި 344 ކުދިންގެ މިފަދަ ވާހަކައެއް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާމެދު ކުރެއްވި އުއްމީދުގައި މިޒުވާނުން ކުލަޖައްސަމުންދާއިރު މިއީ ޤައުމިއްޔަތުގެ ސިފަ އަށަގެންނެވުމަށް އެއްވަނަ ދުނިޔޭގެ ޤައުމުތަކުންވެސް ތަންފީޒުކުރާ ކާމިޔާބު ހަރުދަނާ ސިޔާސަތެކެވެ. އެކި ޤައުމުތަކުގައި އެކި ގޮތަށް މިއަށް ޢަމަލުކުރަމުންދާއިރު ކޮރެއާ ފަދަ ޤައުމުތަކުގައި މިޕްރޮގްރާމް ކުރިއަށްގެންދަނީ ވަކި ޢުމުރެއްގެ ކުރިން އެޤައުމުތަކުގެ ދިފާޢީ ބާރުތަކުގައި ވަކި މުއްދަތަކަށް ޚިދުމަތްކުރުމުގެ އުސޫލެވެ. ރައީސްގެ އިސްނެންގެވުމާއެކު ރާއްޖޭގައި ފެށި މި ޕްރޮގްރާމްގެ ސަބަބުންވެސް ކުރިއަށް އޮތްތަނުގައި އިސްލާމްދީނަށާއި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުން ބިނާކުރެވޭނެއެވެ.