ޚަބަރު

އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ފެށި ފުރަތަމަ އެއަރލައިނަކަށް މޯލްޑިވިއަން


  • މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ހަފްތާއަކު 1 ފްލައިޓް ބާއްވާނެ

  • އޮސްޓްރޭލިއާއަކީ ރާއްޖެއަށް 10ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައި ގައުމު

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގެ ފްލައިޓް މިހާރު ވަނީ ރާއްޖެއިން އޮސްޓްރޭލިއާއަށް ފުރާފައެވެ. އަދި މި ފްލައިޓް އެނބުރި ރާއްޖެ އަންނާނީ މާދަމާ ހެނދުނުއެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ހަފްތާއަކު 1 ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓްގައެވެ.

މޯލްޑިވިއަނުން ބުނީ އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައިކަމަށެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވުމަކީ މި ދަތުރުތައް ފެށި މައިގަނޑު އެއް ސަބަބުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 18،066 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.