ޚަބަރު

ފުވައްމުލަކުގެ ޚިދުމަތްތެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ


  • ފާރޫޤަކީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް

  • ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރެއްވި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާރޫޤް އަޙްމަދުއަކީ ދިވެހި ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި، ވަކިން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ފާރޫޤް އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެންނާ އެ ވަކިވެވަޑަައިގަތީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ގިނަގުނަ ޚިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްސިއްޔަތެއް ކަމަށެވެ.

މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.