ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތައް އުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވަނީ، ހދ.ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ހިރިމަރަދޫ ކައުންސިލާއި އެ ކައުންސިލްގެ އިދާރާވެސް އުވާލައްވާފައިވާކަން ހާމަކުރައްވާފައެވެ.
އަދި ލާމަރުކަޒީ ޤާނޫނަށް ގެނައި 17 ވަނަ އިޞްލާޙާ ގުޅިގެން، އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމަވައި، އެ ކައުންސިލްތަކުގެ އިދާރާތައް މިމަހުގެ 17ވަނަ ދުވަހުން ފެށިގެން އުވައިލެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
މި ނިންމެވުމަކީ، މިއީ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެ މީހުންގެ މަޤާމާ ޙަވާލުވުމާއެކު ކައުންސިލްތައް އުވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ނިންމެވި ނިންމެވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ހދ. ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށާއި، އެރަށު ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ގެދޮރާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެރަށު ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިކަން އިއުލާންކުރައްވާފައިވަނީ، 2024ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރު ނެތި ނުތިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ހިރިމަރަދޫން ހަނިމާދޫއަށް މީހުން ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ސަރުކާރުގައި އެދުމުންނެވެ.