ޚަބަރު

ޞިއްޙަތު ޖަމުޢިއްޔާގެ 79ވަނަ ވާލްޑް ހެލްތު އެސެމްބްލީ ފަށައިފި


  • ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ވަޒީރު ޤީލާ ޢަލީ

  • އެސެމްބްލީ ކުރިއަށްދާނީ މިމަހުގެ 18އިން 23އަށް

  • މިއަހަރުގެ އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއް ބައިވެރިވޭ

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ސްވިޒަލޭންޑްގެ ޖެނީވާގައި ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 79 ވަނަ ސެޝަން ފަށައިފިއެވެ. މި އެސެމްބްލީ ކުރިއަށްދާނީ، މިމަހުގެ 18އިން 23އަށެވެ.

ވޯލްޑް ހެލްތު އެސެމްބްލީއަކީ، ދުނިޔޭގެ ޞިއްޙީ ދާއިރާގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ބާއްވާ އެންމެ ބޮޑު ގަވަރނަންސް ބައްދަލުވުމެވެ.

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއްގެ ޞިއްޙަތާބެހޭ ވަޒީރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މީގެއިތުރުން، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ ބޭފުޅުންނާއި، ސިއްޙީ ވުޒާރާގެ އިސްބޭފުޅުން އެ ވަފުދުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއަހަރުގެ އެޖެންޑާގެ ދަށުން، ޞިއްޙީ ނިޒާމުތައް ވަރުގަދަ ކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން ޔުނިވާސަލް ހެލްތު ކަވަރޭޖާއި، ޕްރައިމަރީ ހެލްތު ކެއަރ އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް އޭއެމްއާރް އާ ދެކޮޅަށް އެކުލަވާލާފައިވާ ގްލޯބަލް އެކްޝަން ޕްލޭނަށް ގެންނަ އިޞްލާޙުތަކާއި، ޞިއްޙީ ދާއިރާގައި ބޭނުންކުރާ ޑޭޓާ، ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސްގެ މިންގަނޑުތައް އެއްގޮތްކުރުމާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މައިންނާއި، ކުޑަކުދިންގެ ކާނާގެ ނިޒާމު ހަރުދަނާ ކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ އަސަރުތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަސައްކަތްތަކަށްވެސް އަލިއަޅުވާލާނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

އަދި "ޕެންޑަމިކް އެގްރީމަންޓް" އާ ގުޅޭ އިންޓަރ ގަވަރމެންޓްލް ވޯކިންގ ގްރޫޕްގެ ރިޕޯޓު ހުށަހެޅުމާއި، ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ދިވެހިރާއްޖޭގެ ވަފުދުން ދޭދޭ ޤައުމުތަކާއި، އެކި ޖަމުޢިއްޔާތަކާ ބައްދަލުކޮށް، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.