ކުރިއަށް އޮތް ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް، އެއަރލައިންތަކުން ރާއްޖެއަށް އުދުހުމަށް ބޭނުންކުރާ ފްލައިޓްތަކުގެ ސައިޒް ބޮޑު ކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެއް ސިނާޢަތެވެ. ރާއްޖެ ވެފައިވަނީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލް މަންޒިލަކަށެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ހައި ސީޒަނާދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުން ސައިޒުގެ ގޮތުން ބޮޑު ފްލައިޓްތައް ރާއްޖެއަށް އުދުހުމަށް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އެއަރ އޭޝިއާ އަދި ގަތަރު އެއަރވޭސްއިންވެސް ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އޭތްރީ ތަރޓީގެ ފްލައިޓްތަކަށް އަޕްގްރޭޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ސީޒަނަކީވެސް ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން ކާމިޔާބު ސީޒަންއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އާދިލް ވިދާޅުވިއެވެ.
އައު އަހަރު ފާހަގަކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ކޮންމެ އަހަރަކުވެސް ނޮވެމްބަރމަހުން ފެށިގެން ޖެެނުއަރީ މަހާ ހަމައަށް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެދުވަސްވަރު ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދުވެސް އިތުރުވެގެންދެއެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެޓްތައް ޕާކުކުރުމުގެ ޖާގައިގެ ދަތިކަން ކުރިން އޮތް ނަމަވެސް މީގެ ދޮޅުއަަހަރުކުރިން ހުޅުއްވި ނޯތު އެޕްރަންއާއެކު މި ކަމަށް ވަނީ ޙައްލެއް ލިބިފައެވެ. އާދިލް މޫސާ ވިދާޅުވީ މިއަހަރުވެސް އައު އަހަރާއި ދިމާކޮށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެެއްވޭކަމަށެވެ.
ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ ރިވައިސްކޮށްފައެވެ. އެގޮތުން 1.5 މިލިއަން ފަތުވެރިން ގެނައުމަށް ކަނޑައެޅުއްވި އަމާޒު ރިވައިސްކޮށް، އެ ޢަދަދު 1.4 މިލިއަން ޓޫރިސްޓުންނަށް މިހާރު ވަނީ ދަށްކުރައްވާފައެވެ.