ޓުއަރިޒަމް

ފަތުރުވެރިކަމުގެ ދުވަހާގުޅިގެން ޚާއްޞަ ހަފްލާއެއް ބާއްވައިފި


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެއްވުމަށް ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކުރިއަށްގެންދެވި ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ގާލާ ޑިނަރއެއް ބާއްވަވައިފިއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވެވި މި ގާލާ ޑިނަރގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުޤައްޔޫމާއި، ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކިއެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވެގެން އައި ގޮތާއި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އައި ގޮތުގެ އިތުރަށް މިހާރުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން މިސިނާޢަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިސްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިރޭގެ ގާލާ ޑިނާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްގެ ވީޑިއޯ ޚިތާބެއްވެސް ގެނެސްދީފައިވެއެވެ. މީގެ އިތުރުން، 2017 ވަނަ އަހަރު ނިމޭއިރު ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްއަކަށްވުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވުމަށް ކުރާ މަސައްކަތާ ގުޅޭ ހަނދާނީ ފިލައެއް، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.