ފަތްކެޔޮ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 11 ރަށަކަށް 1800އަށްވުރެ ގިނަ ފަތްކެޔޮގަސް ހަވާލުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެެއެވެ.
ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެއްކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގައި އުފައްދާ ފަތްކޭލުގެ ފެންވަރު މަތިވެ، އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ގުޅިގެން އެ ވުޒާރާއިން ކުރިޔަށް ގެންދާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ޑަބްލިއުޑީސީތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމައަށް ޙިއްސާކުރި ރަށްރަށަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރުކޮށްދިނުމުގެ ފުރަތަމަ ބުރުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މިމަސައްކަތުގެ ދަށުން ފުރަތަމަ ބުރުގައި 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ހަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
* ހއ.އިހަވަންދޫ
* ހއ.މާރަންދޫ
* ހއ.ތަކަންދޫ
* ހއ.އުލިގަން
* ހދ.ކުމުންދޫ
* ހދ.ވައިކަރަދޫ
* ށ.ބިލެއްފަހި
* ށ.ގޮއިދޫ
* ށ.މަރޮށި
* ނ.މާޅެންދޫ
* ނ.މާފަރު
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުން ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވެ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އެތެރެކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އެތެރެކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މިޕްރޮގްރާމުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަތްކެޔޮ ހައްދަން ޝަޢުޤުވެރިވާ ދަނޑުވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގައި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތައް ތަޢާރަފްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި (ޑަބްލިއުޑީސީ) ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ފަތްކޭލުގެ މުޑުވައް، ގަސްކާނާގެ އިތުރުން ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.