ޚަބަރު

އެންސްޕާގެ ކޯލް ސެންޓަރެއް ޖުލައި މަހު އައްޑޫގައި ހުޅުވަނީ


  • އެންސްޕާގެ ހޮޓްލައިން ނަންބަރަކީ '1402'

  • އެންސްޕާގެ ޚިދުމަތްތަކަށް މިހާރު ވަން ގަވް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ

ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން އައްޑޫ ސިޓީގައި ކޯލްސެންޓަރުގެ ޚިދުމަތް އަންނަ ޖުލައިމަހު ފަށާނެކަމަށް އެއިދާރާއިން ހާމަކުރައްވައިފިއެވެ.

އެންސްޕާ އިން މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ މެސެޖެއްގައި އެ އިދާރާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ އައްޑޫސިޓީގެ ކޯލް ސެންޓަރގެ ޚިދުމަތް، ފެށުމުން އެންސްޕާގެ ކޯލްސެންޓަރުގެ ޚިދުމަތް ލިބޭ ވަގުތު އިތުރުވެ، ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު '1402' އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. އަދި އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް، މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް އޮޅުންފިލުވޭނެއެވެ.

މީގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކަށް މިހާރު ވަން ގަވް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ. އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެއެވެ.