ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ގިނަ ހަރަކާތްތަކެއް


  • ވަޒީރު ހީނާ ވަނީ އުތީމަށް ވަޑައިގެންފައި

  • ޤައުމީ ދުވަހަށް ފަހުގެ ތައްޔާރީތައް ކުރިއަށް

  • ތަރިކައިގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް

ޤައުމީ ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ހއ. އުތީމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޖެހިޖެހިގެން ދެ އަހަރު، އުތީމުގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ހިޖުރީގޮތުން ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް މިއަހަރު ދިމާވަނީ އޮގަސްޓް 14ވާ ހުކުރު ދުވަހާއެވެ.

އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި އުތީމު ކައުންސިލު ގުޅިގެން ވަނީ ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތްތައް ބައްލަވާލެއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ އުތީމަށް ވަޑައިގެންފައެވެ.

ޤައުމީ ދުވަހުގެ މުނާސަބާއަށް ތައްޔާރުވުމަށް އުތީމުގައި ގިނަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ. ތަރިކައިގެ މަޝްރޫޢުތަކަށް ބަލާއިރު، ބޮޑުތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރުމުގެ އިތުރުން "ވާހަކަވައު" ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ރަށް ސާފުކުރުމާއި ޤައުމީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތައް ތައްޔާރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ޤައުމީ ދުވަހު ތަފާތު ގިނަ ހަރަކާތްތަކެއް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު، ބޮޑުތަކުރުފާނު ދޮރޯށި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުން، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، "ވާހަކަ ވައު" އަދި ރަށުގައި އަލަށް ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުއްވައިދެއްވުންވެސް ކުރިއަށްދާނެއެވެ.

މީގެއިތުރުން ރަށަށް ވަޑައިގަންނަވާ އިޢްޒަތްތެރިންނަށް ޖާފަތް އެރުވުން، އިސްރަށްވެހިންނާއި ކުޑަކުދިންގެ ހަވީރު، އެމްއެންޑީއެފް ބޭންޑްގެ ހަރަކާތްތައް، އަދި އަތޮޅުގެ އެހެން ރަށްތަކުންވެސް ބައިވެރިވާގޮތަށް ސަޤާފީ ކުޅިވަރުތަކާއި ހަރަކާތްތައްވެސް އޮންނާނެއެވެ.

ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ކަންކަން އުތީމުގައި ރައްޔިތުން ގުޅިގެން ވަރަށް ފޮރިއާއެކު ދަނީ ކުރިއަށްގެންދަމުންނެވެ. ރަށުގައި ގެއްދާ ޢުމްރާނީ މަސައްކަތްތަކާއި ރަށް ސާފުކުރުމާއި، އާސާރީ ބިނާތައް އާބާތުރަފިލުވާ ސާފުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ޖާފަތް އެރުވުމުގެ ތައްޔާރީތައްވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުވެސް އުތީމުގައި ވަނީ ގިނަ ހަރަކާތްތަކަކާއެކު ޤައުމީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ބައެއް ހަރަކާތްތައް ބާރަށް އަދި ތަކަންދޫގައިވެސް ކުރިއަށްގެންދާނެއެވެ.