ޓުއަރިޒަމް

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި


މިއަދު މެންދުރު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އެއާ އިންޑިއާ ފްލައިޓުން، ރާއްޖެއައި އިންޑިއާ ފަތުރުވެރިއެއް ކަމަށްވާ އަލަފިޔާ މަރޗަންޓަށްއަށް ވަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ލިބިފައެވެ.

އިންޑިއާގެ ގުޖުރާތު ސްޓޭޓަށް ނިސްބަތްވާ އަލަފިޔާ މަރޗަންޓް ރާއްޖެއައިސްފައި ވަނީ އޭނާގެ ފިރިމީހާ، އަލީ އަސްގަރު ގޯދްރަވާލާއާއެކު ރާއްޖޭގައި ހަނީމޫން ހޭދަކުރުމަށެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓަށް އައި މި ދެމަފިރިން ރާއްޖެއަށް ޒިޔާރަތްކުރި މީ ފުރަތަމަ ފަހަރު ނަމަވެސް، ރާއްޖެގައި ހަނީމޫން ހޭދަކުރުމަކީ އެމީހުން ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އަލަފިޔާ ބުނީ ރާއްޖެއިން ކީ މަރުޙަބާއާ އެކު ރާއްޖެ ވަރަށް ބޮޑަށް ޚާއްސަވެގެން ހިނގައްޖެ ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ވަނީ، ފާދިއްޕޮޅުގައި މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ހުރަވަޅި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި އެކު ރާއްޖެއަށް ޒިޔާރަތްކުރުމަށް ދެކޮޅު ޓިކެޓް ހަދިޔާކޮށްފައެވެ. 

img:http://s4.psmnews.mv/images/660x400/14766073357310.jpg|އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޚަބާ ދެންނެވުން - ފޮޓޯ: ޕީއެސްއެމް

'ވިޒިޓް މޯލްޑިވްސް އިޔަރ 2016' ކެމްޕެއިންގެ ދަށުން މިއަހަރު އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔާ ހޮއްވަވައި، ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފައްސަތޭކަހާސް ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައުންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި ހުސްވި ސެޕްޓެމްބަރުމަހު ވަނީ ރާއްޖެއަށް ހަތްސަތޭކަ ފަންސާސް ހާސްވަނަ ފަތުރުވެރިޔާ އައުން ފާހަގަކުރައްވާފައެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ކުރިން ލަފާކުރައްވާފައިވަނީ 1.5 މިލިއަން ފަތުރުވެރިންނެވެ. އެހެންނަމަވެސް ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެއަދަދު 1.4 މިލިއަން ފަތުރުވެރިންނަށް ދަށްކުރައްވާފައެވެ.

އެއްމިލިއަން ވަނަ ފަތުރުވެރިއާއަށް މަރުހަބާ ކިޔުމުގެ ހަފްލާގެ ތެރެއިން ޕީއެސްއެމްއާއި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމްގެ ނާއިބު ޝަޒައިލް ޝިޔާމް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވާ އަދަދު ކަމަށްވާ 1.4 މިލިއަން ފަތުރުވެރިންގެ އަމާޒް ހާސިލްވުމުން އެކަން ފާހަގަކުރެއްވުމަށް ޙާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާކަމަށެވެ.

މި ހަފްލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ ވިދާޅުވީ އަހަރުދުވަހުގެ ތެރޭ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސް ދެކެން ބޭނުންވާ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ދެ މިލިއަން ވަނަ ފަތުރުވެރިއާއަކީ އިންޑިއާގެ ރައްޔިތަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސް އިޔަރ 2016 ނުވަތަ ރާއްޖެއަށް ޒިޔާރާތްކުރާ އަހަރުގެ ގޮތުގައި މިއަހަރު ފާހަަގަކުރެއްވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ ގުޅިވަޑައިގެން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާފައެވެ.