ޚަބަރު

އެންސްޕާގެ ކޯލް ސެންޓަރު އައްޑޫގައި ޤާއިމްކޮށްފި


  • ހެނދުނު 8:00 އިން ރޭގަނޑު 10:00އަށް ޚިދުމަތް ލިބޭނެ

  • އެންސްޕާގެ ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް ފަސޭހަވާނެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކޯލް ސެންޓަރު، އެންސްޕާ އައްޑޫ އޮފީހުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިިފއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ ކޯލް ސެންޓަރު އައްޑޫގައި ޤާއިމްކޮށް މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތުގެ ގަޑިތައް އިތުރުކޮށްފައިވާކަމަށެވެ. މިގޮތުން ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑިތަކުގައި ޚިދުމަތް ދެމުން އައިނަމަވެސް މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހަކުވެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ. އެދުވަސްތަކުގައި ހެނދުނު 8:00އިން ރޭގަނޑު 10:00އާ ހަމައަށް ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އެންސްޕާގެ ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ޚިދުމަތްތަކުގެ މަޢުލޫމާތާއި، އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު '1402' އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. އަދި އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް އޮޅުންފިލުވޭނެއެވެ.

މީގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކަށް މިހާރު ވަން ގަވް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ. އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެއެވެ.