ޚަބަރު

އިބޯލާ: އެފްރިކާއަށް 3.6 ބިލިޔަން ޑޮލަރުގެ ގެއްލުމެއް!


އެފްރިކާގައި ހަލުވިކަމާއެކު އިބޯލާ ފެތުރެމުން ދިޔުމުގެ ސަބަބުން އެ ބައްރަށް 3.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެ، ގިނަ ޢަދަދެއްގެ މީހުންގެ ވަޒީފާ ގެއްލި ތަރައްޤީގެ ކާރިޘާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދން ދީފިއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ)އާއި ޔުގާންޑާގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިބޯލާ ހަލުވިކަމާއެކު ފެތުރެމުންދާކަން ހާމަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) އިން ވަނީ، އެ ސަރަޙައްދުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

އެފްރިކާގައި ފެތުރެމުންދާ އިބޯލާގެ ބަންޑީބޫޖޯ ސްޓްރެއިންއަށް މިހާތަނަށް ތަހުލީލުކޮށްފައިވާ ވެކްސިންއެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ކޮންގޯގައި އިބޯލާ ފެތުރެމުންދާ ކަމަށް މެއި މަހުގެ 15ވަނަ ދުވަހު އިޢުލާނުކުރި ފަހުން މިހާތަނަށް 1،307 މީހުންނަށް އެ ބަލި ޖެހި، 377 މީހުން އެ ޤައުމުގައި މަރުވެފައިވެއެވެ.

ޔުގަންޑާއިން ވެސް އިބޯލާގެ ކޭސްތައް ދަނީ ފެންނަމުންނެވެ. ޔުގަންޑާގައި އެ ބަލި ފެތުރޭ މިންވަރު ކޮންގޯގައި ފެތުރެމުންދާ މިންވަރަށް ވުރެ ލަހެވެ. ނަމަވެސް ދެކުނު ސޫދާން ހިމެނޭ ގޮތަށް އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކަށް ބަލި ފެތުރުމުގެ ފުރުޞަތު އޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އދގެ ތަރައްޤީއާ ބެހޭ ޕްރޮގުރާމް، ޔޫއެންޑީޕީގެ ފަރާތުން ކޮންގޯގައި ހުަންނަވާ މަންދޫބު، ޑޭމިއެން މަމާ ވިދާޅުވީ ބޭނުންވާ ވަޞީލަތްތައް ހުރި ނަމަ އަދި މަސައްކަތްތައް އިތުރުކުރެވިއްޖެ ނަމަ ބަލި ފެތުރުން ހުއްޓުވޭނެ ކަމަށެވެ. އޭރުން އިތުރު ގެއްލުންތައް ލިބުނަ ނުދީ ފަރުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ގޮތަށް ޢަަމަލު ނުކުރެވިއްޖެ ނަމަ ކުރިމަތިވެފައިވާ ޞިއްޙީ ކުއްލި ޙާލަތުގެ ނުރައްކާތައް ބޮޑުތަނުން އިތުރުވެ، މުޅި ސަރަޙައްދާއި ބައްރުގެ ތަރައްޤީއަށް ހުރަސްއެޅުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫއެންޑީޕީއިން ވަނީ ބަލި ފެތުރުން އެކަށީގެންވާ ތިން ގޮތެއް ޚުލާޞާކޮށްދީފަައެވެ. އެ ގޮތުން އެންމެ ރަނގަޅު ޙާލަތުގައި އިބޯލާ ފެތުރޭނީ ދެ ޤައުމުގައެވެ. އެ ޙާލަތުގައި ކޮންގޯގެ އުފެއްދުންތެރިކަމުގެ ނިސްބަތުން އެއް ބިލިއަން އެމެރިކާ ޑޮލަރުން ދަށަށް ދިޔުން އެކަށީގެންވެއެވެ.

އެންމެ ގޯސް ޙާލަތުގައި ގިނަ ޤައުމުތަކަކަށް ބަލި ފެތުރޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެ ގޮތުން ރުވަންޑާއާއި އެންގޮލާއަށް ވެސް ބަލި ފެތުރިދާނެ ކަމަށް ޔޫއެންޑީޕީއިން ބުނެފައިވެއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާ ދުވަސްވަރެއްގައި މި ފަދަ ގޮންޖެހުމެއް ކުރިމަތިވުމުން އެފްރިކާގެ އުފެއްދުންތެރިކަމުގެ ނިޞްބަތް 3.6 ބިލިއަން ޑޮލަރުން ދަށަށް ދާނެ ކަމަށް ބެލެވެއެވެ. އޭގެ ސަބަބުން 328،000 މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވެސް ޔޫއެންޑީޕީއިން ބުނެއެވެ.

ހަލުވި ކަމާއެކު އިބޯލާ ފެތުރެމުންދާތީ މިދިޔަ ހަފްތާގެ ތެރޭގައި ކޮންގޯގެ ހަތަރު ޕްރޮވިންސެއްގައި ޢާންމުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.