ރާއްޖޭގެ އިޤްތިޞާދަށް ސީދާ މަންފާކުރާ މައިގަނޑު 2 ސިނާއަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތެވެ. މީގެތެރެއިން ޒަމާނުއްސުރެ ވަކި ވަކި ފަރުދުންނަށް ސީދާގޮތުން އެންމެ ބޮޑު މަންފާއެއް ނުވަތަ އާމްދަނީއެއް ލިބެނީ މަސްވެރިކަމުންނެވެ.
ދިވެހިންގެ ލޭނާރުގެ ގޮތުގައި އޮތް މަސްވެރިކަމުގެ ސިނާއަތަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ ލޮޅުންތަކެއް އައިސްފައެވެ. ކޯވިޑާއި ގުޅިގެން މަސްވެރިކަމުގެ ސިނާޢަތުގެ މުހިންމުކަމާއި އެ ސިނާޢަތް ކުރިއެރުވުމުގެ އަޑުތައް ގަދަވި ނަމަވެސް، އެސިނާއަތުގެ ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވާންޖެހޭ މިންވަރަކަށް މިވަނީ ހީނަރުވެފައެވެ.
މިގޮތަށް ދިމާވާން މެދުވެރިވި ސަބަބުތަކަށް ބަލާއިރު، އެކަންކަން މިހާރުން މިހާރަށް ހައްލުނުކޮށްފިނަމަ ސިނާއަތަށް، ޚާއްސަކޮށް ރަށްރަށުގައި މަސްވެރިކަން އިތުރަށް ދަށްވެ، އޭގެ އަސަރު ވަކިވަކި ފަރުދުންނާއި، ރަށްރަށާއި ޤައުމުގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރުތަކެއްކޮށްފާނެ ކަމުގެ ކަންބޮޑުވުން ސަރުކާރުންވެސް ފާޅުކޮށްފައެވެ.
ބައެއް ރަށްރަށުގައި ދަނޑުވެރިކަން ކުރިނަމަވެސް، މީހުން ދިރިއުޅޭ ގިނަ ރަށްރަށަކީ މަސްވެރި ގިނަ އުޅަނދުތައް އޮތް މަސްވެރި ރަށްރަށެވެ. މިމަންޒަރު ބަދަލުވެ މިއަދު ރަށްރަށުގައި މަހުގެ އުފެއްދުންތަކާއި ތާޒާ މަސް ލިބުމުގައި ދަތިތަކެއްވަނީ ކުރިމަތިވެފައެވެ.
"މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ މުވައްޒަފުންގެ އަދަދު އިތުރުވީ އިންތިހާއަށް އިނގޭތޯ. އެކަމުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީވެސް ގާތްގަނޑަކަށް ހުއްޓުމަކަށް އައި ވަރަށް ގިނަ ރަށްތަކުގައި. އެއީ ވަރަށް ފަސޭހައިން މުސާރަ ލިބޭ ވަޒީފާތަކެއް މި ހުންނަނީ. އެއްވެސް ކަމެއް ކުރާކަށްނުޖެހޭ. ހަމަ ހުންނަންވީ. ދެން އެކަހަލަ ކަލްޗަރއެއް އޮތީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީ މަސްވެރިކަމުގެ ސިނާއަތަށް ރަށްރަށުގައި ކުރިމަތިވެފައިވާ މައްސަލަތައް ދިމާވި ސަބަބުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ބަސްފުޅެވެ.
ރަށްރަށުގައި ހުރި މަސްވެރި އުޅަނދުތައް ވިއްކާލުމާއި ހަލާކުވުމާއި މިފަދަ އެތައް ކަމެއްގެ ވާހަކަތައް ރަށްރަށުން އަޑުއިވެއެވެ. މިއީ ސަރުކާރުތަކުން ދެމެހެއްޓެނިވި ވިސްނުމެއް ނެތި ނިންމި އެންމެ ނިންމުމެއްގެ ނަތީޖާއެވެ. ރަށްރަށުގައި ހުރި އަސާސީ ޚިދުމަތްދޭ ކުންފުނިތަކުގައި ނެތް މިންވަރުން ޒިންމާއެއް، މަސައްކަތެއް ނެތި އުފެއްދި ވަޒީފާތަކުގެ ނަތީޖާއެވެ. މިފަދަ އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ.
ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހުރިކަމާއި ގަވާއިދާ ޚިލާފަށް ގިނަ ވަޒީފާތަކަށް މީހުން ނެގި މައްސަލައިގައި ފެނަކައިގެ އިސްވެރިންގެ މައްޗަށްވަނީ ދަޢުވާ ސާބިތުވެ ދަނީ ޙުކުމް ތަންފީޒުކުރަމުންނެވެ. މިކޮރަޕްޝަންގެ ތެރެއިން ދިވެހި ދައުލަތަށް 2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު އިޔާދަކުރުމަށް ދަތިވާނެ އެހެން މައްސަލައެއްވަނީ ކުރިމަތިކުރުވާފައެވެ.
އިޤްތިޞާދުގައި އެންމެ މުހިއްމު އެއް ސިނާޢަތަށް މަސްވެރިކަންވެފައވާއިރު ރަށްރަށުގައި މަސްވެރި ދޯނިތަކުގައި މަސައްކަތްކުރާ ދިވެހީން ނެތުމަކީ، ސިނާއަތަށް ލިބިގެންދާ ބޮޑު ގެއްލުމެކެވެ. މިކަމަށް ޢިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ މިއީ ރަށްރަށުގައި މަސައްކަތްކުރަމުންދިޔަ ޒުވާނުންނަށް މާބޮޑު މަސައްކަތެއް ނެތި ޢަމްދަނީ ލިބޭނެ މަގުފަހިކުރުމަށް އޭރު ސަރުކާރުން ނިންމި ނިންމުމެއްގެ ނަތީޖާކަމަށް ވިދާޅުވެފައެވެ.
މަސްވެރި ސިނާޢަތަށް އަލުން ދިވެހީން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި އެކަމުގައި މިއަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މަސްވެރި އުޅަނދުތަކަށް ޒުވާނުން އެރުވުމަށް އެޝައުގު އުފެއްދުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން 5 ޒުވާނަކު މިއަހަރު ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށެވެ. އަދި ޕްރޮގްރާމް ނިމުމަށްފަހިވެސް އެޒުވާނުން ދޯނިތަކުގައި މަސައްކަތްކުރާކަން ފާހަގަކުރެއްވިއެވެ.
މަސްވެރިކަމަކީ ރަށުގައި ތިބެގެން ރަނގަޅު ޢާމްދަނީއެއް ހޯދާ، ރަށުގެ އިޤްތިޞާދު ފުޅާކުރުމަށް މަސައްކަތް ކުރެވޭނެ ދާއިރާއެކެވެ. ބޭންކްތަކުގެ މާލީ އެހީތެރިކަމާއެކު ރަށްރަށުގައި މަސްވެރިކަމާއި ގުޅުންހުރި އެކި ވިޔަފާރިތަކަށް ވަނުމުގެ ފުރުސަތުވެސް އޮތްކަން ސަރުކާރުން ފާހަގަކުރައްވައެވެ.