ޚަބަރު

ޔޫތު ޗެމްޕިއަންޝިޕަކީ ކުރިއަށް އޮތް ސީޒަނަށް ވަރަށް ބޮޑު އެހީއެއް: މުބީން


  • މިމުބާރާތުން ފާހަގަކުރެވޭ ކުޅުންތެރިން ބޭނުންކޮށްގެން ސީނިއަރ ޓީމުތައް ވަރުގަދަ ކުރެވޭނެ

  • 19 އަހަރުން ދަށުގެ ޓީމު، ނިއުގެ ބީ ޓީމުގެ ގޮތުގައި ބޭނުންކުރާނެ

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަކީ ކުރިއަށް ދިވެހި ޕްރެމިއަރ ލީގު ސީޒަނަށް ވަރަށް ބޮޑު ސަޕޯޓެއް ކަމަށާއި މިފަދަ މުބާރާތެއްގެ ސަބަބުން އާ ޒުވާން ކުޅުންތެރިންތަކެއްގެ ހުނަރު ފެނިގެންދާނެކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

މިފަދަ މުބާރާތެއް މުހިންމުވާ ކަމަށް ގަބޫލުކުރައްވާ ސަބަބު "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރައްވަމުން މުބީން ވިދާޅުވީ، ދިވެހި ޕްރެމިއަރ ލީގު ފެށުމުގެ ކުރިން ޓީމުތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މި މުބާރާތުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި، އެގޮތުން ނިއުރޭޑިއަންޓުގެ ފަރާތުން މުބާރާތުގައި ވާދަކުރާ ޓީމަކީ އެކުލަބުގެ "ބީ ޓީމު"ގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށެވެ.

"އާދެ، މި މުބާރާތަކީ ވަރަށް މުހިންމު މުބާރާތެއްގެ ގޮތުގަ އަޅުގަނޑު ސިފަކުރާނީ. އެފްއޭއެމްގެ އާ މެނޭޖްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށް މިގެންދާ ޔޫތު ޗެމްޕިއަންޝިޕަކީ ކުރިއަށް މިއޮތް، ހާއްސަކޮށް ސީޒަން ފަށާއިރުގަ ޒުވާން ރަނގަޅު ޕްލޭޔަރުންތަކެއް އެބަ ބޭނުންވޭ މި ޓީމުތަކަށް. ހަމަ އަޅުގަނޑުމެން ނިއުރޭޑިއަންޓުންވެސް މި އަންނަނީ ހަންޓުކުރުމަށް މަސައްކަތްކުރަމުން މިއަންނަނީ. އެހެންވީމަ މިކަހަލަ މުބާރާތެއްގެ ސަބަބުން ވަރަށް ގިނަ ޒުވާން ކުދިންތަކެއް ފެނިގެންދާނެ، އާ ޕްލޭޔަރުންގެ ހުނަރު ފެނިގެންދާނެ. އެހެންވީމަ މިއީ ވަރަށް ބޮޑު ސަޕޯޓެއްގެ ގޮތުގަ އަޅުގަނޑު ގަބޫލުކުރަނީ…" މުބީން ވިދާޅުވިއެވެ.

މުބީން ފާހަގަކުރެއްވި ގޮތުގައި މިހާރު ނިއުރޭޑިއަންޓުގައި އޮތް 19 އަހަރުން ދަށުގެ ސްކޮޑަކީ މިދިޔަ ސީޒަންގައި ކްލަބް ވެލެންސިއާގައި ތިބި ބައެއް ކުޅުންތެރިންގެ އިތުރުން އަތޮޅުތަކުން ހޮވާލެވުނު ބައެއް ޒުވާން ކުޅުންތެރިންނާއެކު އެކުލަވާލާފައިވާ ސްކޮޑެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސްކޮޑަކީ ނިއުރޭޑިއަންޓުގެ "ބީ ޓީމު"ގެ ގޮތުގައި ބޭނުންކުރާނެ ކަމަށްވެސް މުބީން ވިދާޅުވިއެވެ.

ފާއިތުވި ގިނަ ދުވަސްތަކުގައި ރާއްޖޭގައި ފުޓުބޯޅަ ވަޅުޖެހިފައި އޮތުމަށްފަހު، އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓުން އަންނަނީ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް އެތަކެއް މައްސައްކަތެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީމުތަކަށް ދިވެހި ޕްރެމިއަރ ލީގުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، މުޅި ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން މުބާރާތްތަކެއް ކުރިއަށް ގެންގޮސް، އެ މުބާރާތްތަކުގެ ޗެމްޕިއަން ޓިމުތަކުގެ މެދުގައި ވަނީ ޕްލޭއޮފް ބުރެއް ކުޅެފައިވެއެވެ.

މި ޕްލޭއޮފް ބުރުން އެންމެ މަތިން ޕޮއިންޓު ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން ހއ.ދިއްދޫ އާއި ގދ.ގައްދޫ ޓީމުން ވަނީ މިމަހު ފެށޭ ދިވެހި ޕްރެމިއަރ ލީގުން ޖާގަ ހޯދާފައެވެ.

މީގެ އިތުރުން، މިއަހަރު ވަނީ 2019 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އޭޖް ގްރޫޕްގެ އިންޓަނޭޝަނަލް މުބާރާތެއް ބާއްވާފައެވެ. މިއަހަރުގެ މާޗު މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށް ބާއްވާފައި ވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕެވެ.