މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ޚާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް ޕީއެސްއެމް ނިއުސްއިން ފަށައިފިއެވެ. މިކަމަށްޓަކައި ޕީއެސްއެމްގެ ޓީމުންވަނީ ލަންކާއަށް ދަތުރުކޮށްފައެވެ.
ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އަންނަނީ ދިވެހީންގެ ތާރީޚާއި، އެވޭލާ ދިވެހީންގެ ދިރިއުޅުމާއި ގުޅުންހުރި ކަންކަން އަދުގެ ޖީލަށް ގެނެސްދިނުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. މިދިޔަ އަހަރުވެސް މިނިވަން ދުވަހާއި ގުޅިގެން ޚާއްސަ ޑޮކިއުމަންޓްރީއެއް ވަނީ ގެނެސްދީފައެވެ.
މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށްވެސް ރާއްޖޭގެ މިނިވަންކަމާއި އަދި ލަންކާއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލާ ޚާއްސަ ޑޮކިއުމަންޓްރީއެއް ގެނެސްދިނުމަށް ޕީއެސްއެމްގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، ޕަބްލިކް ސަރވިސް މީޑިއާ އަދި ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަން ގުޅިގެން ގެނެސްދޭ މިޑޮކިއުމަންޓްރީގައިވެސް ޚާއްސަ ކަންތައްތަކެއް ހުންނާނެއެވެ.
ޑޮކިއުމަންޓްރީއަށް ބޭނުންވާ ބައެއް މަންޒަރުތައް ނެގުމަށާއި، މަޢުލޫމާތު ހޯދުމަށް ޕީއެސްއެމް ނިއުސްގެ ކްރޫވަނީ ޖޫންމަހުގެ 24 އިން 28 އަށް ލަންކާއަށް ދަތުރުކޮށްފައެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ޑޮކިއުމަންޓްރީގައިވެސް ދިވެހީންނާއި ގުޅުންހުރި މުހިއްމު ތަންތަނަށް ޒިޔާރަތްކޮށް، މަޢުލޫމާތު މުއްސަނދި ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިޑޮކިއުމަންޓްރީގައި ދިވެހީން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ތިބި ދުވަސްވަރުގެ ތާރީޚީ ލިޔެކިޔުންތައް ހޯދާ ބެލުމާއި، ލަންކާގެ އިހުގެ ޕޯޓު ސަރަޙައްދު ބެލުން ފަދަ މުހިއްމު ތަންތަނަށް ޒިޔާރަތް ކުރުމާއި، ގޯލްގައި ދިވެހިން އޭރު ދަތުރުކުރި ތަންތަނަށް ގޮސް މީހުންގެ އިންޓަރވިއު ވަނީ ކޮށްފައެވެ. މިލިޔެކިޔުންތަކާއި ދިވެހީންގެ ކަންކަމާއި ގުޅޭގޮތުން އެސަރަޙައްދުގެ އެކި ފަރާތްތަކާއި މީގެކުރިން ރަސްމީ ސިފައެއްގައި މިފަދަ ގޮތަކަށް މަސައްކަތް ކުރެވިފައެއްނުވެއެވެ.
މިދިޔަ އަހަރު މިނިވަން ދުވަހަށް ޚާއްސަ ކޮށްގެން ތައްޔާރުކުރި ޑޮކިއުމަންޓްރީ ގެނެސްދީފައިވަނީ، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚީ މާލަމުންނެވެ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރީ، ސްރީލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނަރުގެ ގެކޮޅުގައެވެ.
ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގޮސްފައިވަނީ، 1887 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު މުޢީނުއްދީން( ދެވަނަ)އާއި ލަންކާގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑަންއާއި ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. 77 އަހަރު މިއެއްބަސްވުމުގެ ދަށުން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ތިބުމަށްފަހު ދިވެހީން މިނިވަންކަމަށް މަސައްކަތް ފެށިއެވެ. އޭރުގެ ބޮޑުވަޒީރު ސުއްމުވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަންޑޭރި ކިލޭގެފާނުގެ މޭސްތިރިކަމުގެ ދަށުން ލަންކާގައި ހުރި އިނގިރޭސި ހައި ކޮމިޝަނަރުގެ އޮފީހާއި ދެމެދު ކުރި ސިޓީބިޓީގެ މަޝްވަރާތަކާއި ގިނަ މަސައްކަތަށްފަހު ދިވެހީންނަށް ފުރިހަމަ މިނިވަންކަން ކަށަވަރު ކުރެވުނީ، 26 ޖުލައި 1965 ވަނަ އަހަރުގައެވެ.