މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މީގެ އިތުރަށް މިނިވަންކަމުގެ މުހިންމުކަމާއި، ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަކީ ވެސް މި މުބާރާތުގެ މަޤުސަދެއް ކަމަށް ވިދާޅުވިއެވެ.
ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
— NCA (@NCA_MDV) July 2, 2026
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: https://t.co/ET4nJYJFqn pic.twitter.com/hBZ2Ebn34Y
ކެމެރާގެ ލެންސް މެދުވެރިކޮށް ސަޤާފީ އުފާ ފާޅުކުރުމާއި، ޤުދުރަތީ މަންޒަރުތަކާއި، ތާރީޚީ ތަންތަނާއި، ކަނޑުއަޑީގެ އަޖައިބުތަކާއި، ގޮނޑުދޮށްތަކާއި، ދިވެހިންގެ އަމިއްލަ އުފެއްދުންތަކާއި، މުޖުތަމަޢުގެ ބަދަހި ގުޅުންތަކާއި، އެ ގުޅުންތަކުގެ ސަބަބުން ލިބޭ އުފަލާއި އިޙްސާސްކުރެވޭ މިނިވަންކަން ފޮޓޯއަކުން ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ވިދާޅުވިއެވެ. މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ކަމަށާއި ސުންގަޑި ހަމަވާ ފަހުން ހުށަހަޅާ އެއްވެސް ފޮޓޯއެއް ބަލައެއް ނުގަނެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ތަފާތު އެކި މުނާސަބަތުތަކާއި ގުޅުވައިގެން އެކި މުއައްސަސާތަކުން މީގެ ކުރިންވެސް ފޮޓޯ ނެގުމުގެ މުބާރާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.