ޓުއަރިޒަމް

ރާއްޖެ އަންނަ އިންޑިޔާ ފަތުރުވެރިން އިތުރުކުރަން މަސައްކަތްކުރަނީ


ރާއްޖެއަށް އަންނަ އިންޑިޔާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކައި ޙާއްޞަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. އެގޮތުން އިންޑިޔާގެ މާކެޓަށް އަމާޒްކޮށްގެން ޓާގެޓް ކެމްޕެއިންތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމް.އެމް.ޕީ.އާރް.ސީން ބުނެއެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. ރާއްޖޭއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އިންޑިޔާ މާކެޓްގައި ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރުކުރުމަށް ސަރުކާރާއި، ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައި ޙަރަކާތްތެރިވާ އެހެން އިދާރާތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ އެއް އިދާރާއަކީ މޯލްޑިވްސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިޔާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އިންޑިޔާ ހައިކޮމިޝަނާއި ގުޅިވަޑައިގެން ޚާއްޞަ ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި، މި ޙަރަކާތްތަކުގެ ދަށުން އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންނާއި، މާރކެޓިންގ އަދި އެޑްވަޓައިޒިންގެ ދާއިރާގައި މަސައްކަތް ކުރާ އެޖެންސީތަކާއި އެމް.އެމް.ޕީ.އާރް.ސީން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބައްދަލުވުންތަކުގައި، އިންޑިއާ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރު ކުރެވޭނެ އިތުރު ގޮތްތަކާއިމެދު މި ބައްދަލުވުންތަކުގައި މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރް.ސީން މިހާރުވެސް އަންނަނީ އިންޑިއާގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އަދި އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެތެރޭ އިންޑިއާއިން ރާއްޖެއަށް 34،884 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު، 21.5 އިންސައްތަ އިތުރު ޢަދަދެކެވެ.