ޚަބަރު

ބައިނަލްއަގްވާމީ ޕްރެކްޓިސް މެޗުތައް ޓީޓީއަށްވެސް ބޭނުންވޭ: ހުސައިން


  • ޓީޓީއަކީ ކޮލިފައިވެގެން ރާއްޖޭގެ އެތްލީޓަކު އޮލިމްޕިކަށް ދިޔަ ހަމައެކަނި ކުޅިވަރު

  • ޓީޓީ ކުޅުންތެރިންދަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ތަޖުރިބާތައް ހޯދަމުން

ޓޭބަލް ޓެނިސް ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު އެއްގޮންޖެހުމަކީ ބޭރުގެ ކުޅުންތެރިންނާއިއެކު ކުޅެވޭ މެޗުތަކުގެ އަދަދުމަދުވުންކަމަށް ގައުމީ ޓީޓީ ޓީމުގެ ކޯޗް ހުސައިން ރަޝީދު ބުނެފިއެވެ.

ޓީޓީ ކުޅުންތެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ހުސައިން ބުނީ ރާއްޖޭގައި ޓީޓީ ކުޅޭ ކުދިންގެ އަދަދު މަދުކަމަށެވެ. އެހެންކަމުން ވާދަވެރި މާހައުލެއްގައި ޓީޓީ ކުޅުމުގެ ފުރުސަތު އެންމެ އެދެވޭގޮތުގައި ލިބިފައިނުވާއިރު، ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ތަރައްގީއަށްޓަކައި ބައިނަލްއަގްވާމީ ކުޅުންތެރިންނާއި އެކު މެޗުތައް ކުޅެލުމުގެ ފުރުސަތު ގިނަކުރަންޖެހޭކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވާއިރު، ބޭރުގެ ގައުމެއްގައި ކޭމްޕުކޮށް، އެކުޅުންތެރިންނާއިއެކު ޕްރެކްޓިސް މެޗުތައް ކުޅުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދޭންޖެހޭކަމަށް ގަބޫލުކުރާކަމަށް ކޯޗް ބުންޏެވެ.

"މުބާރާތްތަކަށް ފުރަން ކައިރިވާއިރު، ކުޅޭ ކުދިންގެ އަދަދު މަދުވީމަ އެއީ ގޮންޖެހުމެއް. ގިނަ ފަހަރަށް ބެރުގެ ކުޅުންތެރިން، ޕާޓްނާޒްގެ ގޮތުގައި ކުޅެލަން ލިބޭ ފުރުސަތު ކުޑަވޭ. ކުރިއަށް އޮތްތާކަމެއް ރާވާއިރު ރަނގަޅުވާނެ މަދުވެގެން ހަފްތާއެއްހާ ދުވަސް ބޭރުގެ ތަނެއްގައި ކުޅެލާ ކޭމްޕް ޖަހާލާ ޕްރެކްޓިސްކުރީމަ ތަންކޮޅެއް އިފެކްޓިވްވާނެ" ކޯޗް ބުންޏެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ ކުޅުންތެރިން ތައްޔާރުވަމުން އަންނައިރު، ބައެއް ހާލަތްތަކުގައި ސްކޫލްގެ ޓެސްޓް ދުވަސްވަރާ ދިމާވުން ފަދަ ކުދިންގެ ފޯކަސް މުބާރާތަށް ގެއްލޭ ހާލަތްތައް އަންނަކަން ކޯޗް ފާހަގަކުރިއެވެ، އެހެންކަމުން ދުރާލާ މިކަންކަމާމެދު ވިސްނާ ކުދިންގެ ކުޅި ފޯކަސް މުބާރާތަށް އޮންނާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުވުމަކީ ކުޅުންތެރިންގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާނެކަމެއްކަމަށް ކޯޗް ބުންޏެވެ.

"އެޓްލީސްޓް ވީކަކަށް ދިޔަސް ކުދިންގެ ފޯކަސް ރަނގަޅުވެގެންދާނެ" ކޯޗް ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީޓީ ޓީމުގައި ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ހިމެނެއެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ވަނަތައް ހޯދަމުން އަންނަ ކުދިންކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން ޓީޓީ އަކީ މިހާތަނަށް އޮލިމްޕިކުގައި ކޮލިފައިވެގެން ރާއްޖެއިން ވާދަކޮށްފަވާ ހަމައެކަނި ކުޅިވަރެވެ. ރާއްޖެއަށް މި ޝަރަފު ހޯދައިދިން ފާތިމަތު ދީމާ ޢަލީ އޮލިމްޕިކްއަށް ކޮލިފައިވީ 2024 ވަނަ ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްއަށެވެ.