ޚަބަރު

ޤުރްއާނަށް ޚާއްޞަ ވަޤްފު އިމާރާތުގެ ކުރެހުން އަންނަ މަހު ނިންމަނީ


  • ދާރުއްނޫރު ތަރައްޤީކުރަނީ 15 ފަންގިފިލާއަށް

  • 3 ފަންގިފިލާ ޚާއްޞަކުރާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް

ޤުރްއާނަށް ޚާއްޞަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަރުކަޒީ އިދާރާ އެތަނުގެ ބަޔަކަށް ބަދަލުކުރުމަކީ އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް، ކުރިން ކޮރެލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަމަޖެއްސި ބިމުގައި ތަރައްޤީކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ 2025ވަނަ އަހަރުގައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމަރާތް ކުރީގެ ކޮރަލް ބޮލިވާޑް މަޝްރޫޢު ހިންގުމަށް ހަމަޖެއްސި ބިމުގައި ކުރިއަށްގެންދާގޮތަށް ވަނީ ނިންމާފައެވެ. އެ ބިމުގެ ބޮޑުމިނުގައި 70،000 އަކަފޫޓު ހުންނަ އިރު، އޭގެތެރެއިން، 10،000 އަކަފޫޓު އެކަމަށް ޚާއްސަ ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޤުރްއާނަށް ޚާއްޞަ ވަޤްފު ބިލްޑިންގެ ދާރުއްނޫރު ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި އިމާރާތަކީ ޤުރްއާނަށް ޚާއްޞަ ވަޤްފް އިމާރާތެއްގެ ގޮތުގައި 15 ފަންގިފިލާއަށް މާލެގައި ބިނާކުރާ އިމާރާތެކެވެ. އެތަނުގެ 3 ފަންގިފިލާ ޚާއްޞަ ކުރުމަށް ހަމަޖެހިފަިއވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ އިމާރާތުގެ މަސައްކަތް ނިމުމުން އެ ވުޒާރާގެ މަރުކަޒީ އިދާރާ އެތަނުގެ ބަޔަކަށް ބަދަލުކޮށް، އިސްލާމީ މަރުކަޒު އެތަނުގެ އަސްލަށް ރުޖޫޢަ ކުރުންކަމަށެވެ. އެއާއެކު ހަގީގީ މާނައިގައި އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަ ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަރުކަޒުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް، އިސްލާމް ދީނާ ބެހޭ މަޢުލޫމާތު އެކި ޢުމުރުފުރާތަކަށް ލިބޭނެ ގޮތް ހަދާ، ސްކޫލްތަކުގެ ދަރިވަރުން ޒިޔާރަތް ކުރެވޭ ތަނަކަށް ހެދުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒު ހުޅުވި އިރު އެތަނުގެ ހުރި ލައިބްރަރީ އަލުން އިޢާދަކޮށް، ޒަމާނީ ފެންވަރުގެ ލައިބްރަރީއެއް ޤާއިމްކުރާނެކަމަށާއި އެކަށީގެންވާ ވަރުގެ މަރާމާތެއްކޮށް، އިސްލާމީ މަރުކަޒު ހެޔޮ ގޮތުގައި ބެލެހެއްޓުމަކީ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ .ވަޒީރު ވިދާޅުވީ ނޫރު އިމާރާތުގެ ތަފްސީލީ ކުރެހުންތައް އަންނަ މަހުގައި ނިމޭނެކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން، ނުވަތަ އަންނަ އަހަރު ކުރީކޮޅުގައި ނޫރު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ނޫރު އިމާރާތަކީ ދިވެހިރާއްޖޭގައި ޤުރްއާނުގެ ހާފިޒުން ބިނާކުރުމާއި، ޤުރްއާނުގެ ޢިލްމު ފެތުރުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށްޓަކައި ބިނާކުރާ ޚާއްޞަ ވަޤުފު ބިނާއެކެވެ. އެތަނުން ލިބޭ ކުލި ޚަރަދުކުރެވޭނީ މި މަޤުޞަދަށެވެ. މިވަގުތު މާލެއާއި ހުޅުމާލެގައި 2 ޢިމާރާތެއްގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލެގައި ހުރި ދާރުލް އީމާން ވަޤުފު ބިނާއިން އަހަރަކު 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެއެވެ. އެއީ މިސްކިތްތަކަށް ޚާއްޞަ ބިނާއެކެވެ. 3 އަހަރު ފަހުން މިފަދަ މަސައްކަތްތަކަށް އެ ވުޒާރާއިން ދައުލަތުގެ ބަޖެޓަށް ބަރޯސާއެއް ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެވުޒާރާގެ ފަރާތުން ކުރަންޖެހޭ ދީނީ ކަންކަންކަން ކުރެވޭ ވަރަށް އިސްލާމީ ވަޤުފު ފަންޑު މި ބިލްޑިންގތަކުގެ ސަބަބުން ހުންނާނީ ތަނަވަސްވެފަކަމަށް އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.