މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި 100 އެނދުގެ ހަތަރު ތަރީގެ ގެސްޓް ހައުސްއެއް ތަރައްޤީކުރުމަށް ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ރ.ވާދޫ އުތުރުކޮޅު ތުނޑީ ސަރަހައްދުން ތިން ހެކްޓަރުގެ ބިމުގައި ތަރައްޤީކުރާ މި ގެސްޓްހައުސްއާއި އެކު ޑައިވް ސެންޓަރަކާއި ވޯޓަރ ސްޕޯޓްސް ސެންޓަރެއްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއަކީ އަށް މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ހޯލްޑިން ޕްރައިވެޓް ލިމިޑެޓުން ބުނެއެވެ.
ރ.ވާދޫ ސްކޫލު ހޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި، ވާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް ހުސެއިން އަލީއެވެ. އަދި ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން އަބްދުﷲ ސައީދުއެވެ. މި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން، ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން އަބްދުﷲ ސައީދު ވިދާޅުވީ މި މަޝްރޫއު ކުރިއަށްއޮތް ދެއަހަރު ދުވަސްތެރޭ ނިންމުމަށް އަމާޒްކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު އެރަށަށާއި އެރަށް ކައިރީގައިވާ ރަށްތަކަށް ފަހިވެގެންދާނެ ކަން ހަސަން ފާހަގަކުރެއްވިއެވެ.
ވާދޫގައި ގެސްޓްހައުސް ތަރައްޤީވެގެން ދިޔުމުން، މުޅި ދުނިޔެއަށް އެރަށް މަޝްރޫއުވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވާދޫ ކައުންސިލްގެ ރައީސް ހުސެއިން އަލީ ވިދާޅުވިއެވެ. އަދި މަޝްރޫއާއި އެކު އެރަށަށް އަންނާނެ ކުރިއެރުންތައް ހުސެއިން އަލީ ފާހަގަކުރެއްވިއެވެ. ރ. ވާދޫގައި ޓޫރިޒަމް ޒޯންއެއް ތަރައްޤީކުރުމަށް، ފާލަން ހޯލްޑިންގ ޕްރައިވެޓާއި ހަވާލުކޮށްފައިވަނީ ފަންސާސް އަހަރަށެވެ. އެ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫއަށް ބިޑް ހުށަހެޅުމަށް ހުޅުވާލުމުން ޖުމްލަ ހަތަރު ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ވާދޫ ކައުސިލުން ވިދާޅުވެއެވެ.