ޚަބަރު

ފިންގަރ ޖެޓީގެ ތަނބުތައް ޖަހާ، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ


  • މިއީ 18.98 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

  • ޖެޓީގެ ސަބަބުން ގިނަ ލުއިތަކެއް ލިބޭނެ

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން، ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ މާލޭ އުތުރު ބަނދަރުގައި ފިންގަރ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން ތަނބުތަކުގެ ރެއިންފޯސްމަންޓް ނުވަތަ ދަގަނޑު އެޅުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާއިރު، ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރައްވައެވެ.

ޖުމްލަ 18.98 މިލިޔަން ރުފިޔާގެ މި މަޝްރުއޫގެ ދަށުން 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

އެމްޓީސީސީއިން ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް ނިމުމުން ޖެޓީތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ބަނދަރުގައި ތޮއްޖެހުން ކުޑަވާނެކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ. ހަމައެހެންމެ ބޭރުގައި އޮންނަ ލޯންޗަކަށް އަރާ، މަގަތުގައި ހުންނަ ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މި ޖެޓީގެ ސަބަބުން ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ލުއިތަކެއް ލިބޭނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާއި ޖެޓީއާއި ކައިރި ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައި ފައިބާ ދަތުރުވެރިންނަށްވެސް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ.