ބޮޑެތި ޓީމުތަކުން މިއަދު ކުރިމަތިލާން ޖެހިލުންވާ ޓީމަކަށް ދިއްދޫ ސްޕޯޓްސް ކުލަބު ވެއްޖެކަމަށް ދިއްދޫ ޓީމުގެ ކޯޗު މޫސާ އިބްރާޙީމް ބުނެފިއެވެ. ދިއްދޫ ސްޕޯޓްސް ކުލަބަކީ މުޅިން އަލަށް ދިވެހި ޕްރިމިއަރ ލީގުގައި އަދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދިއްދޫ ސްޕޯޓްސް ކުލަބަކީ، ފުރަތަމަ ޑިވިޝަނުގައި އަހަރުތަކެއްގެ ތަޖުރިބާ ހޯދައި، މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ.
ލީގުގައި ދިއްދޫއިން މިއަދު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޫސާ ބުނީ، ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ ކުދިންނަށް ވުމުން އެކުޅުންތެރިންގެ އެވެއިލެބިލިޓީއަށް ބަލައި، އެންމެ ބޭނުންވާ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ދިއްދޫ އަކީ ލީގުގައި ހިމެނޭ ޓީމުތަކުން ޖެހިލުންވާވަރުގެ ޓީމަކަށް ވެއްޖެކަމަށް ގަބޫލުކުރަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މޫސާ ބުނީ، ތަފާތު ޗެލެންޖުތައް ހުރި ނަމަވެސް، ދިވެހި ފުޓުބޯޅައިގެ ކާމިޔާބު ތާރީޚެއް އޮތް ޓީމުތަކާ ދެކޮޅަށް ދިއްދޫގެ ކުޅުންތެރިން ދައްކަމުންދާ ކުޅުމާއެކު، ޓީމަށް އިތުރު ހިތްވަރެއް ލިބޭކަމަށެވެ. އަދި މިހާރު ކޮންމެ ޓީމެއް ވެސް ދިއްދޫއާ ދެކޮޅަށް ކުޅެން އަންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ ސީޒަން މިއީ، އަޅުގަނޑުމެންގެ ހުންނާނެ ޗެލެންޖަސް. އެހެންނަމަވެސް ފުރަތަމަ ޑިވިޝަނުގައި ދުވަސްވީ ތާރީޚި ކުލަބުތައް، ޙާއްސަ ގޮތެއްގައި ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމުތަކާ ދެކޮޅަށް ކޮންމެ ދުވަހަކު ދައްކާ ޕާފޯމަންސް ވެގެން މިދަނީ ޓީމަށް ލިބޭ އިތުރު ހިތްވަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް. ތި ދެންނެވި ގޮތަށް މިހާރު އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ޓީމެއް ވެސް ދިއްދޫއާ ދެކޮޅަށް ކުޅެން އަންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް". މޫސާ ބުންޏެވެ.
ލީގުގައި ޑެބިއު ސީޒަނުގައި ދިއްދޫއިން ދައްކަމުން އަންނަ މޮޅު ކުޅުމަށް ގިނަބައެއްގެ ތައުރީފު ލިބެމުން އަންނައިރު އެޓީމުން ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެފައިވާއިރު ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި އެއް މެޗުން މޮޅުވެ، ޖުމްލަ ފަސް ޕޮއިންޓު އެ ޓީމަށް ވަނީ ލިބިފައެވެ. އަމިއްލަ ރަށުގައި، ހޯމް މެޗުތަކުގެ ގޮތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސްއާ ދެކޮޅަށް ދިއްދޫއިން ކުޅެފައިވާއިރު، މި ދެ މެޗު ވެސް ނިމުނީ 2-2 އިން އެއްވަރުގެންނެވެ.
އަމިއްލަ ރަށުގައި ދިއްދޫއިން ކުޅޭ ތިންވަނަ މެޗުގައި މިއަދު ޓީސީއާ ދެކޮޅަށް ނުކުންނާނީ ހަވީރު 15:45 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.