މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %7.2 އިތުރުވެއްޖެއެވެ.
މިދިޔަ އަހަރު 1.28 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ކުރީއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.23 މިލިއަން ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2016 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތަކަކީ، ޗައިނާއާއި ޖަރުމަންވިލާތާއި އިނގިރޭސިވިލާތާއި އިންޑިއާއެވެ.
މި ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ އިންޑިއާއިންނެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުން، ރާއްޖެއަށް 65000ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، %27.9 އިތުރު ޢަދަދެކެވެ.
img:http://s1.psmnews.mv/images/660x400/14848298319575.jpg|2016 ވަނަ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ. އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް ހޮވުނީ އިންޑިޔާ މީހެއް - ފައިލް ފޮޓޯ: ޕީއެސްއެމް
އެއްޤައުމަކުން އެންމެ ގިނަ ޢަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. މިދިޔައަހަރު، ޗައިނާއިން ރާއްޖެއަށް 324000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު %9.8 ދަށް ޢަދަދެކެވެ.
ތަފާސްހިސާބުތަކުން ފާހަގަވާގޮތުގައި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން 2016 ވަނަ އަހަރު އެސަރަޙައްދުގެ ޤައުމުތަކުން ރާއްޖެއަށް 51000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، %22 އިތުރު އަދަދެކެވެ.
މެދު އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ސަޢުދިއަރަބިއްޔާއިންނެވެ. މިދިޔަ އަހަރު އެޤައުމުން ރާއްޖެއަށް 21000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.