ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭ 29 ރިސޯޓް ހުޅުވުންކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުވެރިކަން ކުރިއެރުއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތާބެހޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، މިހާރު ހިންގަމުންދާ ރިސޯޓްތަކުގެ އިތުރަށް، އިތުރު ރިސޯޓްތަށް މާކެޓަށް ނެރެ އަންނަ ފަތުވެރިންގެ ޢަދަދު އިތުރުކުރެއްވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އެގޮތުން އަހަރެއްގެ ތެރޭގައި 10 ރިސޯޓް ހުޅުވުމުގެ އަމާޒަށް ސަރުކާރުން މިދިޔަ އަހަރު ވާޞިލްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މިހާރު ނުނިމި ހުރި ހުރިހާ ރިސޯޓެއް ނިންމަވާ ޚިދުމަތައް ނެރުއްވުން ކަމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަނީ 21 ރިސޯޓެއް ނިންމާ ޚިދުމަތްދޭން ފަށާފައެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ޓޫރިޒަމް މިނިސްޓްރީން ދަނީ ކުރައްވަމުންނެވެ. މިދިޔަ އަހަރު 11 ރިސޯޓެއް ހުޅުވާ ޚިދުމަތް ދޭން ފަށާފައިވެއެވެ.
"ބެޑްކެޕޭސިޓީ އިތުރުވާވަރަކަށް އެބަޖެހޭ އަންނަ ފަތުވެރިންގެ ޢަދަދު އިތުރުކުރަން. އެހެންވުމުން އަޅުގަނޑުމެން މިދަނީ އަންނަ ފަތުވެރިންގެ ޢަދަދު އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން. އަމާޒަކީ ދެހާސް އަށާރައިގެ ޖުލައިގެ ކުރިން މިފަސް އަހަރު ހުޅުވަން ބުނި ފަންސާސް ރިސޯޓް މާކެޓަށް ނެރުން"- މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާ ގެސްޓް ހައުސްތަކުގެ ޢަދަދު އިތުރުވަމުން އަންނަވަރަކަށް ރާއްޖެއަށް އަންނަ ފަތުވެރިންގެ ނިސްބަތް އިތުރުކުރެއްވުމަކީ މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަހަރުން އަހަރަށް ރާއްޖެއަށް އަންނަ ފަތުވެރިންގެ ޢަދަދު އިތުރުކުރެއްވުމަށް ބޭރުގެ ޤައުމުތަކުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިދިޔަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 4.2 އިންސައްތަ އިތުރެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.28 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ކުރީއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.23 މިލިއަން ފަތުރުވެރިންނެވެ.