ޓުއަރިޒަމް

"ސަޢޫދީ މާކެޓުން ރާއްޖޭގެ ފަތުރުވެރިކަމަށް ދަނީ ނަފާ ލިބެމުން"


ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދު ސަޢުދީ އެއަރލައިނުން ސީދާ ދަތުރުތައް ފެއްޓީ ދެހާސް ފަނަރަވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ސައުދީ އަރަބިއްޔާގެ ރިޔާޒުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރު ސަޢުދީ އެއަރލައިނުން ފެށުމާއެކު ސައުދީން ރާއްޖެއަށް އަންނަ ފަތުވެރިންގެ ޢަދަދު އިތުރުވެގެންދިޔައެވެ. އެގޮތުން 2015 ވަނަ އަހަރު ސަޢުދީން ރާއްޖެއަށް ފަނަރަހާސް ހަތްސަތޭކަ ސާޅީސް ނުވަ ފަތުވެރިން ޒިޔާރާތްކުރި އިރު ސަޢުދީ އެއަރލައިންގެ ދަތުރުތައް ފެށުމުން ސަޢުދީން ރާއްޖެއަށް އައި ފަތުވެރިންގެ ޢަދަދުވަނީ އެކާވީސް ހާސް ނުވަސަތޭކަ ސާޅީސް ހަތަރަކަށް އިތުރުވެފައެވެ. މިއީ ތިރީސް ނުވައެއް އިންސައްތައިގެ ކުރިއެރުމެކެވެ.

img:http://s2.psmnews.mv/images/660x400/14894179250483.jpg|ދިވެހިރާއްޖެއިން ސަޢޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު ސަޢޫދީގެ އިސްބޭފުޅުންތަކަކާއެކު ފޮޓޯ: ސަޢޫދީ އެމްބަސީ

ސަޢުދީ ފަތުވެރިންނަކީ ޗުއްޓީ ހޭދަކުރުމަށް ދާ ގައުމުތަކުގައި ބޮޑު ހޭދައެއް ކުރާބައެކެވެ. އަދި އެމީހުން ޚިދުމަތް ހޯދާ ހޮޓާތަކާއި އަދި ރިސޯޓްތަކުގައިވެސް މަސައްކަތްކުރާ މުއައްޒަފުންނަށްވެސް ސަޢުދީ ނުވަތަ ޢަރަބި ފަތުވެރިންގެ އަތުން ބޮޑު ނަފާއެއް ލިބެއެވެ. ރާއްޖެއަށް އަންނަ ސަޢުދީ ފަތުވެރިން އިތުރުވުމުން ރާއްޖޭގެ ރިސޯޓްތަކަށްވެސް ލިބޭ އާމްދަނީ އިތުރުވާން ފަށާފައިވާކަމަށް ރާއްޖޭގެ ބައެއް ރިސޯޓްތަކުން ބުނަމުން އަންނަކަމަށް ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަބްދުﷲ ޙަމީދު ވިދާޅުވިއެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި ރާއްޖޭގެ ފަތުވެރިކަން އެދެވޭ ގޮތެއްގައި އިޝްތިހާރުކުރެއްވިއްޖެނަމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

ސައުދީ އެއަރގެ ދަތުރުތައް މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ސައުދީގެ ރިޔާޒުން ނަމަވެސް މިއަންނަ އެޕްރީލް މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސައުދީގެ ޖިއްދާއިން ސީދާ ރާއްޖެއަށް ދަތުރުތައް ފެށުމަށް މިހާރުވަނީ ނިންމާފައެވެ. މިއާއެކު ސަޢުދީން ރާއްޖެއަށް އަންނަ ފަތުވެރިންގެ ނިސްބަތް އިތުރުވާނެއެވެ.