އައްޑޫސިޓީގައި ތަރައްޤީކުރާ ގެސްޓްހައުސްތައް އައްޑޫސިޓީގެ އަމިއްލަ ފަރުދުންނަށް މިލްކުކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ އިންވެސްޓަރސް ފޯރަމް ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫ އިންވެސްޓަރސް ފޯރަމަކީ އައްޑޫގެ އިންވެސްޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކަތްތެރިވާ އިންވެސްޓަރުންނަށް އަމާޒުކޮށް ބޭވި ފުރަތަމަ ފޯރަމެވެ. މި ފޯރަމް ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އައްޑޫ ސިޓީގައި ފަށާ އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއެކު ފަށާ އެ ސިޓީގެ ތަރައްޤީ ރަމްޒުކޮށްދޭ މަޝްރޫޢެއްކަމަށެވެ.
އައްޑޫ ސިޓީއަކީ ގުދުރަތީ ވަޞީލަތްތައް ގިނަ ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަޙައްދެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެއްވެސް ފަރާތަކުން ސަމާލުކަމެއް ދީފައިނުވާކަމަށެވެ. އަދި މިހާރު ފަށަން ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢަކީ ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ކުރިއަށް ގެންދަވާ މަޝްރޫޢެއްކަމަށާއި، މިއީ މީގެ ކުރިން އައްޑޫ ސިޓީގައި ނުހިންގާވަރުގެ ބިޔަ މަޝްރޫއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ޙިއްޞާ ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރ ޒަމީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާނެކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއަށް ބޭރު ފައިސާ ވަނުމަށް ހުޅުވޭ ދޮރެއްކަމަށް ވިދާޅުވިއެވެ.