ޓުއަރިޒަމް

3000 ޓޫރިސްޓް އެނދު ތަރައްޤީކުރުމުގެ މަޝްރޫޢެއް ފަށައިފި


އެއް އަހަރުދުވަހުގެ ތެރޭގައި ތިންހާސް ޓޫރިސްޓު އެނދު އައްޑޫސިޓީގައި ތަރައްޤީކުރުމުގެ އަމާޒުގައި މެދުފަންތީގެ ފަތުރުވެރިކަމަށް ޚާއްސަ މަޝްރޫޢެއް އައްޑޫސިޓީގައި ފަށައިފިއެވެ. 

މެދުފަންތީގެ ފަތުރުވެރިކަމަށް ޚާއްޞަކޮށް އައްޑޫސިޓީގައި ފެށި އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢު އިޢުލާންކޮށްފައިވަނީ، އައްޑޫ ސިޓީގައި ބޭއްވި އިންވެސްޓަރސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ސަތޭކަ ހަތްދިހަ ފަސް ކުންފުންޏަކުން މި ފޯރަމްގައި ބައިވެރިވެފައިވާއިރު މީގެ ތެރޭގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ކުންފުނިތައްވެސް ހިމެނެއެވެ.

އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރު މުއްދަތެއްގެ ތެރޭގައި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ފަސްދޮޅަސް ހަތް ބިމެއް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ސަރަޙައްދުތަކަކީ، ހުޅުދޫ ހެރެތެރެ ކައިރި ސަރަޙައްދާއި، މީދޫ ހިކިހެރަ ސަރަޙައްދާއި މަލިމަތި ސަރަޙައްދާއި، ހިތަދޫ ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަޙައްދު އަދި ފޭދޫ ދިގިހެރައާއި ސަވާހިރިޔާ ހިމެނޭ ސަރަޙައްދުގެ އިތުރަށް މަރަދޫއިން ކަނޑައަޅާފައިވާ ސަރަޙައްދެވެ. 

މި ސަރަޙައްދުތަކުގައި އެއް އަހަރު ދުވަހުގެ ތެރޭހައި ތިންހާހަށްވުރެ ގިނަ ޓޫރިސްޓް ބެޑް ތަރައްޤީކުރުމަށް މިނިސްޓްރީއާއި އެމްއައިޓީޑީސީން ދަނީ މަސައްކަތްކުރައްވަމުންނެވެ.

img:http://s2.psmnews.mv/images/660x400/14928534111238.jpg|އައްޑޫ އިންވެސްޓަރސް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު ވިދާޅުވީ، މިއީ އައްޑޫ ސިޓީގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތުގެ ފެށުމެއްކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތެރިވާ ވީހާވެސް ގިނަ ކުންފުނިތަކަށް ލުއިފަސޭހަ ގޮތެއްގައި މިދާއިރާގައި ދެމިތިބެވޭނެ މަގު ފަހިކޮށްދީ، ވީހާވެސް ޚަރަދު ކުޑަ ގޮތަކަށް ގެސްޓްހައުސްތައް ތަރައްޤީކުރުންކަމަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޕްރީފެބް އިމާރާރާތްތަކެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ޝާހިދު ވަނީ ދެއްވާފައެވެ.

މި ފޯރަމްގައި އެއަރލައިންތަކުގެ ފަރާތުން ވާހަކަ ދައްކަމުން، މިހާރުވެސް ގަމަށް ދަތުރުތައް ބާއްވަމުން އަންނަ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ، ސަރުކާރުން ފެށްޓެވި ޓޫރިޒަމްގެ މި މަޝްރޫޢާއެކު އައްޑޫ ސިޓީއަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން އިތުރު އެއަރލައިންތަކުގެ ދަތުރުތައް ބޭއްވުމަށް ފީސިބަލް ވާނެކަން ފާހަގަކުރައްވަމުން ފިރާޤް ވަނީ، އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި މެދުއިރުމައްޗާއި ޔޫރަޕްގެ އެއަރލައިންތަކުން ޝެޑިއުލް ދަތުރުތައް ފަށާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީވެސް ވަނީ މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް އަންނާނެ ތަރައްޤީއަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

އައްޑޫ ސިޓީގައި ފަށާ އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢުގެ ދަށުން ފެރީއާއި ބަސް ދަތުރުގެ ޚާއްސަ ވިއުގައެއް ޤާއިމްކޮށް، އައްޑޫގެ ރަށްތައް ގުޅުވާލާ ކޯޒްވޭތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި 67 ގެސްޓް ހައުސް ހިމެނޭގޮތަށް މުނިފޫހި ފިލުވުމަށް ޕާކްތަކާއި ވޯޓަރ ސްޕޯޓްސް ފެސިލިޓީއާއި، ސްޕާ، ރެސްޓޯރަންޓް އަދި މޫދު ކުޅިވަރުގެ އިންތިޒާމްތަކާއި އެކު 97 ކޮމްޕޮނޭންޓް މި މަޝްރޫޢުގައި ހިމެނެއެވެ.