ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކުރިއަށްގެންދިޔަ "އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް ސިވިލް ސަރވިސް 2017" ތަމްރީން ޕްރޮގްރާމްގައި 200 ބައިވެރިން ތަމްރީން ވެފައިވާކަމަށް ސިވިލް ސަރވިސްއިން ބުނެފިއެވެ.
"އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް ސިވިލް ސަރވިސް 2017" ގެ ނަމުގައި މިމަހުގެ ނުވަޔަކުން ތޭރައަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމަކީ، ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ހިންގި ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ޗައިނީސް އެކަޑެމީ އޮފް ގަވަރނެންސް" އާއި "ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް" ގުޅިގެނެވެ.
މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވީ މި ފަދަ ތަމްރީން ޕްރޮގްރާމަކުން ލިބިގެންދާ މަޢުލޫމާތާއި، ތަޖުރިބާ އެހެން މީހުންނާ ޙިއްސާކުރުމަކީ މުހިއްމުކަމެއްކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި މީހުންވަނީ މި ފަދަ ޕްރޮގްރާމެއް އެފަރާތްތަކަށް ޚާއްސަކޮށްގެން ހިންގުމުން ފައިދާތަކެއް ލިބިގެންދާކަމަށް ބުނެފައެވެ. އަދި މި ފަދަ ޕްރޮގްރާމުގެ ސަބަބުން މަސައްކަތުގެ މާހައުލަށްވެސް ކުރިއެރުންތަކެއް ލިބެމުންދާކަމަށް ބައިވެރިން ބުނެއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސީ.އޭ.ޖީން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މިއަހަރު ބޭއްވި ޕްރޮގްރާމަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވި ދެވަނަ ޕްރޮގްރާމެވެ.