ޚަބަރު

54 ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި


ޝަރުއީ ދާއިރާގައި ކަންބޮޑުވުންތައް ހުރިކަމަށް ބުނެ ސްޕްރީމްކޯޓަށް ޕެޓިޝަން ހުށައެޅި މައްސަލާގައި ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ކުރުން މަނާކުރި ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފިއެވެ.

ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ޣައިރު ޤާނޫނީ ގޮތެއްގައި އެއްވެ ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރި މައްސަލާގައި މިމަހުގެ ދިހަ ވަނަދުވަހު 54 ވަކީލަކު ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތުކުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މަނާކޮށްފައެވެ.

ކޯޓްތަކުގައި ވަކާލާތު ކުރުން މަނާކުރި ވަކީލުންގެ ތެރެއިން ތޭރަ ވަކީލަކަށް ވަކާލާތުކުރުމުގެ ހުއްދަ ދިންކަން އަންގާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިއަދު ނެރުނު އިޢުލާންގައި ބުނެފައިވަނީ އެ ވަކީލުންނަށް ރާއްޖޭގެ ކޯޓްތަކުގައި އަލުން ވަކާލާތުކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދީފައިވާކަމަށެވެ. އަދި އެ ވަކީލުންނަށް އަލުން ވަކަލާތުކުރުމުގެ ހުއްދަ ދީފައިވަނީ އެ ވަކީލުންނާއި ގުޅިގެން ބަލަމުން ދިޔަ މައްސަލަ ބަލާ ނިމުންކަމަށްވެސް އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.