އިޤްތިސާދީ ހުރިހާ ދާއިރާތަކުގެ މަސައްކަތް ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކަށް ބަރޯސާވެއެވެ. އެގޮތުން ބާޒާރުގައި ތަކެތީގެ އަގުތަކާއި ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ އަގުވެސްވަނީ ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިފައެވެ.
މި ސަބަބަށްޓަކާ ސަރުކާރުން ގެންދަވަނީ ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މިންވަރަށް ބެލުމަށްފަހު ތެލުގެ އަގަށް ރާއްޖޭގައި ވެސް ބަދަލުގެނެއެވެ.
ތެލުގެ އަގު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ދުނިޔޭގައި ތެލަށް އޮތް ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއާއެކު ތެލުގެ އަގުވެސް ދަނީ އުފުލެމުންނެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކަށް ދާދި ފަހުން ކުރިމަތިވި މޫސުމީ ތޫފާން ތަކާ ގުޅިގެންވެސް ތެލުގެ އަގުތަކަށް ބަދަލު އައިސްފައިވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އެހެން ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭ ނިސްބަތާ އަޅާ ބަލާއިރު، ރާއްޖޭގައި ތެލުގެ އަގަށް ބަދަލު ގެންނަނީ ނިސްބަތުން ކުޑަކޮށް ކަން ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެސްޓީއޯއިން ބުނެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ މި ސަރަހައްދުގެ ޤައުމުތަކުގައި ތެޔޮ ލިބެން ހުރި އަގުތަކަށް ބަލާލުމުންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ހެޔޮ އަގެއްގައި ހަކަތައިގެ ގޮތުން ބޭނުންކުރާ ތެލުގެ ބާވަތްތައް ލިބެނީ ރާއްޖެއިންނެވެ. އެގޮތުން އިންޑިއާގައި ޕެޓްރޯލް ލީޓަރެއް 17.42ރ އަށް ގަންނަން ލިބޭ އިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 14.50ރ އަށެވެ. ސްރީލަންކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު 12.95ރ އަށް ހުރިއިރު، ޑީސަލް ލީޓަރެއް ލިބެނީ 9.56ރ އަށެވެ.
ބަންގްލަދޭޝްގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16.65ރ އަށެވެ. ޑީސަލް ލީޓަރެއްގެ4 އަގު ހުރީ 12.18ރ އަށެވެ. އަދި ޕާކިސްތާނުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 10.49ރ އަށް ހުރިއިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 11.26ރ އަށެވެ.
އެހެންނަމަވެސް ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަމުންދަނީ 9.52ރ އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 9.17ރ އަށެވެ.
ރައްޔިތުންނަށް ތެލުގެ ބާވަތްތައް ވީހާވެސް އަގު ހެޔޮކޮށް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭކަމެކެވެ. ސަރުކާރުގެ މި އަމާޒަށް ވާސިލްވުމުގައި އެންމެބޮޑު ދައުރެއް އަދާކުރަނީ އެސްޓީއޯއިންނެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ތެލުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި އެންމެ ކޮލިޓީ ރަގަޅު ތެޔޮ ރާއްޖެއަށް އެތެރެ ކުރުމަކީވެސް އެކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމެއްކަން ޝަހީރު ފާހަގަކުރެއްވިއެވެ.
ތެލުގެ އަގު އުފުލުމާއެކު ރައްޔިތުންނަށް އޭގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ހައްލުހޯދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ތެލުގެ އަގާ ގުޅިފައިހުރި އެހެން ޚިދުމަތްތަކުގެ އަގު ބަދަލުނުކުރުމާއި އެފަދަ ޚިދުމަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.