ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން އެއް މަހެއްގައި ރާއްޖެއައިސްފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. މިދިޔަ އަހަރުގެތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުންކުރި މީހުންގެ ނިސްބަތްވެސްވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް ޙިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމެވެ. ޓޫރިޒަމް މިނިސްޓްރީއާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ. ސަބަބަކީ އަހަރަކުން އަހަރެއް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނާތީއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއަށް ރެކޯޑް ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. އެގޮތުން ފާއިތުވި ޑިސެމްބަރ މަހަކީ އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މަސްކަމަށް އޭނާ ވިދާޅުވިއެވެ. ޑިސެމްބަރ މަހުގެ ތެރޭގައި އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ހާރިސް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ޓޫރިޒަމް ހިސްޓްރީއަށް ބަލާއިރުގަ އެންމެ ގިނައިން އެއްމަހެއްގައި ރާއްޖެއަށް މީހުން ޒިޔާރަތްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު. އެގޮތުން 1 ލައްކަ 40 ހާހަށްވުރެ ގިނަ މީހުން ރާއްޖެވަނީ އައިސްފައި. ގާތްގަނޑަކަށް ކުލޯޒް ޓު 20 ޕަސެންޓް އިންކުރީޒްއެއް ކުރީ އަހަރާއި އަޅާބަލާއިރު" ހާރިސް ވިދާޅުވިއެވެ.
ހާރިސް އިތުރަށް ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުންކުރި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށެވެ. މީގެ ތެރޭގައި ދިވެހިންނާއި އަދި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި އެއަރޕޯޓް އަޕްގްރޭޑް ކުރެވުމާއިއެކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށާއި، ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެ 1.389 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ހާރިސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔައަހަރުގެ ތެރޭގައި 13 ރިސޯޓެއް ވަނީ ހުޅުވާފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އައު ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ސީޕްލޭން ޓަރމިނަލެއް އަންނަނީ ތަރައްޤީކުރަމުންނެވެ.