ޓުއަރިޒަމް

ރާއްޖެ އިޝްތިހާރުކުރާއިރު ޘަޤާފަތާއި އާދަކާދައަށް އިސްކަމެއް ދެނީ


މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމާޒުހިފާފައިވާއިރު، މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ކުންފުންޏަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އެވެ. އެމްއެމްޕީއާރުސީން މުޅި އަހަރަށް ބަހާލައިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާއިރު މިއަހަރުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމުގައި އެންމެ ބޮޑަށް ބޭނުންކުރާނީ ރާއްޖޭގެ ރީތިކަމާއި ދިވެހި ޘަޤާފަތާއި އާދަކާދަތައްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއަހަރު އެ ކުންފުނިން ކުރަން ރާވާފައިވާ މަސައްކަތްތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ހިއްސާކުރަމުން އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޙާރިސް މުޙައްމަދު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްޓަކައި ރާއްޖޭގެ ރީތިކަމާއި އާދަކާދަތައް ދައްކާލާނެކަމަށެވެ. އަދި މާކެޓްކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކޮށް އިސްރާފުކުޑަކުރަން އެ ކުންފުނިން މަސައްކަތްކުރާނެކަމަށެވެ. 

"ރާއްޖޭގެ ރީތިކަމާއި، ގުދުރަތުގެ ވަސީލަތްތަކާއި، ދިވެހިންގެ ސާދާ މިޒާޖާއި، އާދަކާދަތަކާއި، ކެއިންބުއިމަށް ބޭނުންކުރާ އުސޫލުތަކާއި ވައްޓަފާޅިތައް ދެއްކުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނަން ދިވެހިރާއްޖެއަށް އަންނަ މީހުން ދިވެހިރާއްޖެއަށް ޝައުޤުވެރިން އުފެއްދުމަށްޓަކައި." އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޙާރިސް ވިދާޅުވިއެވެ.

 އެމްއެމްޕީއާރުސީން ވަނީ މިމަހުގެ ތެރޭގައި ދުނިޔޭގެ ފަސް ފެއަރއެއަގައި ބައިވެރިވާން ނިންމާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތައް ޝާމިލް ކުރަމުންދާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.